ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް އުފުލުމާއި އިޤްތިޞާދީ ދަތިތަކާ ގުޅިގެން ޔޫރަޕްގެ އެކި ޤައުމުތަކުގައި ކުރަމުންދާ މުޒާހަރާތައް ވަރުގަދަވެ، ބައެއް ބޮޑެތި ސިޓީތަކުގައި ވަރުގަދަ ކުރިމަތިލުންތަކާއި ހަމަނުޖެހުންތަކެއް ހިނގައިފިއެވެ.
ފަރަންސޭސިވިލާތުގެ ޕެރިހާއި އިޓަލީގެ މިލާން އަދި އަލްބޭނިއާގެ ވެރިރަށް ޓިރާނާ ހިމެނޭހެން އެތައް ސިޓީއެއްގައި މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ވަނީ ހަމަނުޖެހުންތައް ހިނގާފައެވެ.
އިޓަލީވިލާތުގައި ސަލާމަތީ ކަންކަން ވަރުގަދަކުރުމަށްޓަކައި އެ ޤައުމުގެ ބޮޑުވަޒީރު ޖިއޯޖިއާ މެލޯނީ ވަނީ ކުއްލި ބައްދަލުވުމެއް ބާއްވަވާފައެވެ. ސަރުކާރު ހިންގާ ކޯލިޝަނުން ވިދާޅުވީ ޞުލްޙަވެރި މުޒާހަރާތަކުގެ ނިވަލުގައި ހަމަނުޖެހުން އުފައްދާ ފަރާތްތަކާ ދެކޮޅަށް އިތުރު ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ. މީގެއިތުރުން، އިޓަލީގެ މިލާން ސިޓީގައި ޒުވާނުންތަކެއް ފިހާރަތައް ލޫޓުވައި ހަމަނުޖެހުން ހިންގުމާ ގުޅިގެން މަޝްހޫރު ލަގްޒަރީ ފިހާރަތައް ވެސް ވަނީ ބަންދުކޮށްފައެވެ. ހޯމަ ދުވަހު އިޓަލީގެ ސްޓީލް މަސައްކަތްތެރިންނާއި ލޮރީ ޑްރައިވަރުން މުޒާހަރާ ކުރުމުގެ ސަބަބުން ވައިގެ ބަނދަރާއި މަގުތަކުގެ ދަތުރުފަތުރަށް ވެސް ބޮޑެތި ބުރޫތަކެއް އެރިއެވެ.
ބެލްޖިއަމްގެ ބްރަސަލްސް އަދި ލީއޭޖްގައި ވެސް ސަތޭކައަށް ވުރެ ގިނަ މުޒާހަރާގެ ބައިވެރިން ފުލުހުންނާ ކުރިމަތިލައި، ކާރުތަކުގައާއި ކުނިތަކުގައި ރޯކޮށް ބޮޑެތި ގެއްލުންތަކެއް ވަނީ ދީފައެވެ. ފުލުހުން ކަރުނަގޭހާއި ވޯޓާ ކެނަން ބޭނުންކޮށްގެން މީހުން ދުރުކުރަން މަސައްކަތްކުރިއިރު، ފަސް ފުލުހަކަށް އަނިޔާވެ 150 އެއްހާ މީހުން ވަނީ ހައްޔަރުކޮށްފައެވެ. ބެލްޖިއަމްގެ އިންޓީރިއާ މިނިސްޓަރު ބާނާޑް ކުއިންޓިން ވަނީ މިއީ ޞުލްޙަވެރި އިޙްތިޖާޖެއް ނޫން ކަމަށާއި، މުޖުތަމަޢުގެ ހަމަޖެހުން ނަގާލުމަށް ރޭވިގެން ހިންގާ އަނިޔާވެރި އަމަލުތަކެއް ކަމަށް ވިދާޅުވެފައެވެ.
ޔޫރަޕިއަން ކޮމިޝަނުން މިކަމާ ގުޅިގެން ބުނެފައިވަނީ ޑިމޮކްރެޓިކް ޤައުމުތަކުގައި ޞުލްޙަވެރިކަމާއެކު މުޒާހަރާކުރުމުގެ ޙައްޤު އޮންނަންވާނެ ކަމަށާއި، ނަމަވެސް ތަންތަނުގައި ރޯކުރުމާއި ތަކެތި ލޫޓުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
މީގެއިތުރުން އަލްބޭނިއާގެ ބޮޑުވަޒީރު އެދީ ރާމާ ތުހުމަތު ކުރެއްވި ގޮތުގައި އެ ޤައުމުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ފަހަތުގައި އީރާނާއި ރަޝިއާގެ ނުފޫޒު އެކުލެވިގެންވެއެވެ.
މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ޔޫރަޕްގެ ޤައުމުތަކުގައި މިފަދަ ހަމަނުޖެހުންތައް އިތުރުވަމުން ދަނީ ދިރިއުޅުމުގެ އަގުތައް އިންތިހާއަށް އުފުލި، އިޤްތިޞާދީ އިޞްލާޙުތައް ގެނައުމުގައި ސަރުކާރުތައް ނުކުޅެދިފައިވާތީ އާންމުންގެ މާޔޫސްކަން ބޮޑުވުމުގެ ސަބަބުންނެވެ.



