ދުޢާއަކީ މުއުމިނުންގެ ހަތިޔާރު ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ޚުތުބާގައި ހިޖުރައިން ދެވަނަ އަހަރު ރަމަޟާން މަހުގެ ސަތާރަވަނަ ދުވަހު ބަދުރު ހަނގުރާމަ ކުރެވުނުކަން ފާހަގަކޮށް ބުނެފައި ވަނީ ކަންކަމުގައި ﷲ ޙަޟުރަތުގައި ދުޢާ ދެންނެވުމަށް ލަދުގަނެގެން ނުވާނެއެވެ. އަދި މާތްﷲ އީ އަޅުތަކުންގެ ދުޢާ އިޖާބަކުރައްވާ ރަސްކަލާނގެ ކަމަށާއި އެކަލާނގެއަށް ބިރުވެތި އިޚްލާޞްތެރި ހިތަކުން ދުޢާކުރުމަކީ އެ ދުޢާއެއް އިޖާބަވުމަށް އޮތް ބާރެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
މީގެއިތުރުން، ބަދުރު ހަނގުރާމައިގެ ދުވަހު ކީރިތި ރަސޫލާ ﷺ އިސްލާމީ އުންމަތަށް ދެއްކެވީ ކެތްތެރިކަމާއި ސާބިތުކަމާއި، ވަކީލުކޮށްގެން ﷲއަށް ދުޢާ ދެންނެވުމުގައި ގެންގުޅޭންޖެހޭނޭ އެންމެ ފުރިހަމަ ނަމޫނާ ކަމުގައި ޚުތުބާގައި ބުނެފައިވެއެވެ.
ބަދުރު ހަނގުރާމަ އަކީ އިސްލާމީ ތާރީޚުގައި ކުރެވުނު ފުރަތަމަ ހަނގުރާމަކަން ފާހަގަކޮށް ޚުތުބާގައި ބުނީ ބަނދުރު ހަނގުރާމައިން އިސްލާމީ އުންމަތަށް އެތައް ފިލާވަޅުތަކެއް ލިބުނު ކަމަށެވެ. އޭގެ ތެރޭގައި
- މަޝްވަރާގެ ރިވެތި އުޞޫލު ބޭނުންކުރުން
- ވެރީންނަށް ކިޔަމަންގަތުމުގެ މާތް ސިފަ
- އަޞްޙާބު ބޭކަލުންގެ ޤުރުބާނީ
- މާތް ﷲއަށް ވަކީލުކުރުމާއި ދުޢާކުރުމުގެ މުހިއްމުކަން ހިމެނޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.




