ރާއްޖޭގެ އާސާރީ އެއް ބިނާ ކަމުގައިވާ މާލޭގައި ހުންނަ މުންނާރާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް މައުލޫމާތު އޮޅުނުކަމަށް ބުނެ ފެތުރުނު ވާހަކަތައް، ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ބްރިޓިޝް ހައިކޮމިޝަނަރު ނިކް ލޯ ދޮގުކޮށްފިއެވެ.
ނިކް އެވާހަކަތައް ދޮގުކޮށްފައިވަނީ ”އެކްސް“ ގައި ހަސަން ކުރުސީގެ ނަމުން ހިންގާ އެކައުންޓަކުން ކޮށްފައިވާ ޕޯސްޓަކަށް ރައްދު ދެމުންނެވެ.
އެ ޕޯސްޓުގައި ކުރުސީ ބުނެފައިވަނީ މިމަހުގެ 13 ވަނަ ދުވަހު ރައީސްގެ ދެކަނބަލުން، ރާއްޖޭގައި ތިއްބަވާ ބޭރުގެ ޑިޕްލޮމެޓުންނަށް ދެއްވި ޚާއްސަ ރޯދަ ވީއްލުމުގެ ތެރޭގައި، އެތަނުން އެއް ބޭފުޅަކު މުންނާރާ ބެހޭގޮތުން ސުވާލު ކުރެއްވުމުން، އެ މުންނާރަކީ 1000 އަހަރަށްވުރެ ގިނަ ދުވަސްވީ ބިނާއެއް ކަމަށް ރައީސް މުޢިއްޒު ވިދާޅުވި ކަމަށެވެ.
ނަމަވެސް ރާއްޖެ އިސްލާމްވިތާ ވެސް 1000 އަހަރު އަދި ވެފައިނުވާކަން އޭގެން އެއްބޭފުޅަކު ފާހަގަ ކުރެއްވުމުން، ސައްޙަ މައުލޫމާތު ދެއްވޭނެ ބޭފުޅަކު ކައިރީގައި ހުރިތޯ އެމަނިކުފާނު ބެއްލެވި ކަމަށާއި ނަމަވެސް އެފަދަ ބޭފުޅަކު އެވަގުތު ނެތުމުން ރައީސް މުޢިއްޒު އެކަމާ ވަރަށް ކޯފާ އިސްކުރެއްވި ކަމަށް ކުރުސީ ބުނެފައިވެއެވެ. އަދި މީގެފަހުން އެފަދަ ބޭފުޅަކު އަބަދުވެސް އެފަދަ ޚަފްލާތަކުގައި ކައިރީގައި ހުންނަވަން ޖެހޭނެކަމަށް އެމަނިކުފާނު އަމުރު ކުރެއްވި ކަމަށްވެސް ކުރުސީގެ ޕޯސްޓުގައި ބުނެފައިވެއެވެ.
ކުރުސީވަނީ އޭނާގެ އެ ޕޯސްޓުގައި، ބޭރުގެ ޑިޕްލޮމެޓުންގެ ތެރެއިން ބައެއް ބޭފުޅުންނާއެކު ރައީސް މުޢިއްޒުގެ ދެކަނބަލުން ނަންގަވާފައިވާ ފޮޓޯއެއް ވެސް ހިއްސާ ކޮށްފައެވެ.
އެ ޕޯސްޓަށް ރޭގައި ރައްދުދެމުން ނިކް ލޯ ބުނީ، ފޮޓޯއިން ފެންނަ އެކަކީ އޭނާ ކަމަށާއި ޕޯސްޓުގައި ކުރުސީ ބުނެފައިއެވާފަދަ އެއްވެސް މުއާމަލާތެއްް އޭނާއާއެކު ރައީސް މުޢިއްޒު ކުރައްވާފައި ނުވާ ކަމަށެވެ. އަދި އޭނާއަށް އެނގޭގޮތުގައި އެ ޚަފްލާތެރޭގައި އެހެން އެއްވެސް ބޭފުޅަކާއެކުވެސް އެފަދަ ވާހަކަތަކެއް ރަައީސް ދައްކަވާފައިނުވާކަން ނިކް ލޯ ވަނީ ފާހަގަކޮށްފައެވެ.
ހަސަން ކުރުސީއަކީ ސީދާ ކާކު ހިންގާ ސޯޝަލް މީޑިއާ އެކައުންޓެއްކަން މިހާތަނަށް ހޯދިފައެއް ނުވެއެވެ. ނަމަވެސް އެ އެކައުންޓަކީ ކުރީ ސަރުކާރުގައި ވެސް އެފަދަ އެކިއެކި ވާހަކަތައް ފެތުރި އަދި ފަތުރަމުން އަންނަ އެކައުންޓެއްކަން ފާހަގަވެފައިވެއެވެ.



