ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އާއިލާއިން މިއަދު މެންދުރު 1:00 ގައި ނޫސްވެރިންނާ ބައްދަލު ކުރައްވާނެކަމަށް އިއުލާނު ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރު 1:00 ގައި ދިމްޔާތުގެ 7ވަނަ ފަންގިފިލާގައެވެ.
ރައީސް އޮފީހުން ވަނީ މިއަދު ރައީސްގެ އާއިލާއިން 1 ޖަހާއިރު ނޫސްވެރިންނާ ބައްދަލުކުރައްވާނެކަން ހާމަކުރައްވާފައެވެ.
ނަމަވެސް މިއީ ސީދާ ކޮންކަމަކާ ގުޅޭގޮތުން ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމެއްކަން އެ އޮފީހުން ހާމަކުރައްވާފައެއް ނުވެއެވެ.
ބެލެވޭ ގޮތުގައި މިއީ ރައީސް މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދާއި އެ ދެކަނބަލުންގެ ދަރިކަލުންނާ ގުޅޭގޮތުން އިދިކޮޅު އެމްޑީޕީގެ ފަރާތުން މަރިޔަމް ޒުބެއިރު (މަންދީ) އިދިކޮޅު މުޒާހަރާއެއްގެ ތެރޭގައި ދައްކާފައިވާ ވާހަކަތަކާ ގުޅިގެން ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމެކެވެ.
މަންދީ ވަނީ، ރާއްޖޭގައި ވޭޕް ކުރުން ރައީސް މުޢިއްޒު މަނާ ކުރެއްވީ ރައީސްގެ ދަރިކަލުން އެފަދަ ކަމެއް ކުރެއްވުމުން ކަމަށް ބުނެ ތުހުމަތުތަކެއް ކޮށްފައެވެ. އެވާހަކަތަށް އެޗްއާރްސީއެމުންނާއި އީސީގެ އިތުރުން ސިޔާސީ ގިނަ އިސްވެރިންވެސް ވަނީ ކުށްވެރި ކޮށްފައެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީން ވަނީ އެވާހަކަތަށް ދިފާއު ކޮށްފައެވެ.




