ރާއްޖޭގެ 75 ރަށެއްގައި ފުލުހުންގެ މަރުކަޒު ގާއިމް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އަދި ފެނަކައާ ހަވާލުކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން ހޯމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ރާއްޖެއަކީ އަމަން އަމާންކަން ގާއިމްވެފައިވާ ކުށްމަދު މުޖުތަމައުއަކަށް ހެދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިރުޝާދާއެކު ފުލުހުންގެ ހިދުމަތް ގާއިމްނުކުރެވިހުރި ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމްކޮށް، ފުލުހުންގެ އަމިއްލަ މަރުކަޒުތައް ބިނާ ކުރުމަށްޓަކައި ޚާއްސަ މަޝްރޫޢުއެއް މިއަހަރުގެ ތެރޭގައި ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން 75 ރަށެއްގައި ފުލުހުންގެ މަރުކަޒު ބިނާ ކުރުމަށް އެމްޓީސީސީ، އާރްޑީސީ އަދި ފެނަކައާއެކު މިމަހުގެ 13 ވަނަ ދުވަހު ފަހުމްނާމާ އެއްގައި ސޮއިކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފައިވެއެވެ.
އެގޮތުން ފެނަކައާ ހަވާލުކޮށްފައިވަނީ 40 ރަށެއްގައި ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރުމަށެވެ. އަދި އާރްޑީސީއާ 20 ރަށް ހަވާލުކޮށްފައިވާއިރު 15 ރަށެއްގައި ފުލުހުންގެ މަރުކަޒު ގާއިމުކުރަން އެމްޓީސީސީއާ ހަވާލުކޮށްފައިވެއެވެ.
މި އެއްބަސްވުމުގެ ދަށުން މި މަޝްރޫޢުގެ މަސައްކަތް މި އަހަރު ތެރޭގައި ފަށައި، އޭގެތެރެއިން ބައެއް މަޝްރޫޢު މިއަހަރު ތެރޭގައި ނިންމުމަށްވެސް ހަމަޖެޖިފައިވެއެވެ.




