ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުއާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލުމަށް ހަމަޖެހިފައިވާ ދެވަނަ މައްސަލައިގެ އަޑުއެހުންވެސް އާންމުންނަށް ހުޅުވާނުލަން އެ ކޮމިޝަނުން ނިންމައިފިއެވެ.
އަޒްމިރަލްދާއާ ގުޅޭ ދެ މައްސަލައެއް ޖޭއެސްސީން ބެލުމަށް ވަނީ ނިންމާފައެވެ. އެއް މައްސަލައަކީ އޭނާގެ ފިރިކަލުން އަދި އައިޖީއެމްއެޗްގެ ޑޮކްޓަރު، ޑރ. އިސްމާއިލް ލަތީފް ހައްޔަރު ކުރުމުން، އޭނާ ބަންދުން ދޫކުރަން ކްރިމިނަލް ކޯޓުގެ ގާޒީންނަށް ގުޅައި ނުފޫޒު ފޯރުވި ކަމަށް ތުހުމަތު ކުރާ މައްސަލަ އެވެ.
ދެވަނަ މައްސަލައަކީ ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު ”ހުތުރު ބަހުން“ ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި ފަނޑިޔާރު އަޒްމިރަލްދާ އިންނެވި ކަމަށް ބުނާ މައްސަލަ އެވެ.
ފުރަތަމަ މައްސަލައިގެ އަޑުއެހުން ވެސް ހުޅުވާލައިގެން ކުރިއަށް ގެންދަން އަޒްމިރަލްދާގެ ފަރާތުން އޭނާގެ ވަކީލު އަލްއުސްތާޛް އިބްރާހިމް ޝަމީލް އެދުމުން ޖޭއެސްސީން އެގޮތަށް ހަމަޖައްސައި ނުދެވޭނެ ކަމަށް ވަނީ ބުނެފައެވެ.
ދެވަނަ މައްސަލައިގައި ވެސް އެފަދައިން އެދުމުން ޖޭއެސްސީން ވަނީ އަޑުއެހުން އާންމު ނުކުރެވޭނެ ކަމަށް އަންގާފައެވެ. ވަކީލު ޝާމިކް ވިދާޅުވީ، މައްސަލަ ހުޅުވާލައިގެން ކުރިއަށް ގެންގޮސްފި ނަމަ އާންމު މަސްލަހަތަށް ގެއްލުން ވެދާނެ ކަމަށް ޖޭއެސްސީން ބުނެފައިވާ ކަމަށެވެ.



