މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މިދުވަސްކޮޅު މާލޭގައި ސިލްސިލާކޮށް ބާއްވަމުންގެންދާ މުޒާހަރާތަކާ ގުޅިގެން އެ ޕާޓީގެ އިސް ދެ އެކްޓިވިސްޓެއްކަމަށްވާ ފާތިމަތު ޝިއުނާ (ޕްރީޕެއިޑް ޝިއުނާ) އާއި މަރިޔަމް ޒުބައިރު (މަންދީ) ފުލުހަށް ހާޒިރުވާން އަންގައި، ޗިޓު ފޮނުވައިފިއެވެ.
އެގޮތުން ފުލުހުން މަންދީއަށް ފޮނުވި ޗިޓުގައި އަންގާފައިވަނީ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:30 އަށް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް ހާޒިރުވުމަށެވެ. އަދި ޝިއުނާއަށް ޗިޓުގައި އަންގާފައިވަނީ ހޯމަ ދުވަހުގެ މެންދުރުފަހު 13:30 އަށް ހަމަ އެ ބިލްޑިންގަށް ހާޒިރުވުމަށެވެ.
މަންދީއާއި ޝިއުނާއަށް ފުލުހުން ކޮށްފައިވާ ތުހުމަތުގައި ބުނެފައިވަނީ މި މަހުގެ 10ވަނަ ދުވަހުގެ ރޭ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ކިލާފަށް މާލޭގެ މަގުމަތީގައި މުޒާހަރާކޮށް، އާންމު ދަތުރުފަތުރަށް ދަތިވާގޮތަށް ހަރަކާތްތެރިވެ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައިވާ ކަމަށެވެ.
އެހެންކަމުން މި ތުހުމަތާ ގުޅިގެން ބަޔާން ނަގަން ބޭނުންވާ ކަމަށާއި އެކަމަށްޓަކައި ދެ ގަޑިއިރު ހޭދަވާނެކަމަށް ލަފާކުރާ ކަމުގައި ފުލުހުން ފޮނުވި ޗިޓުގައި ބަޔާން ކޮށްފައިވެއެވެ.
ފުލުހުން ކުރާ ތުހުމަތާ ގުޅިގެން މަންދީ ހާޒިރުވާން އަންގާފައިވާއިރު، މިމަހުގެ 13 ވަނަ ދުވަހުގެ ރޭ އިދިކޮޅު އެމްޑީޕީން ކުރި މުޒާހަރާއެއްގައި އޭނާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލުންނާ ގުޅޭގޮތުން ދެއްކި ވާހަކަތަކާ ގުޅިގެން، އޭނާގެ މައްޗަށް މަދަނީ ޝަރީޢަތުގައި ދައުވާކުރައްވަން ނިންމަވާފައިވާ ކަމަށް އެމަނިކުފާނުގެ އަނބިކަނބަލުން އަދި ރާއްޖޭގެ ފަސްޓްލޭޑީ މެޑަމް ސާޖިދާ މުޙައްމަދު މިއަދު ވަނީ ހާމަކުރައްވާފައެވެ. އަދި އެ މަސައްކަތް މި ހަފްތާގެ ތެރޭގައި ކުރައްވާނެ ކަމަށް ވެސް މެޑަމް ސާޖިދާގެ ފަރާތްޕުޅުން ވަކީލުން ވަނީ ވިދާޅުވެފައެވެ.



