ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ”ވިޔަފާރި އެހީ“ ލޯނު ސްކީމް އަލުން ތަޢާރަފުކޮށްފިއެވެ.
މި ލޯނު ސްކީމަކީ ވިޔަފާރިތަކަށް ދިމާވާ ކުއްލި މާލީ ދަތިތަކުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ޚާއްޞަ ލޯނު ޕްރޮގްރާމެކެވެ. އެސްޑީއެފްސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ލޯނު ސްކީމްގެ ދަށުން އެންމެ މަތީ އަދަދެއްގެ ގޮތުގައި 1.5 މިލިއަން ރުފިޔާ ނެގުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
ލޯނަށް އެދި ހުށަހެޅުމުގެ ޝަރުޠުތަކުގެ ތެރޭގައި، މަދުވެގެން 1 އަހަރު ދުވަހުގެ މުއްދަތަށް މެދުނުކެނޑި ވިޔަފާރި ހިންގާފައިވުން ހިމެނެއެވެ. މި ލޯނުގެ ބޭނުން ހިފޭނީ މުދާ ގަތުމަށާއި ދުވަހުން ދުވަހަށް ކުރަންޖެހޭ ވިޔަފާރީގެ ޚަރަދުތައް ހަމަޖެއްސުމަށެވެ.
ލޯނުގެ އަދަދު 700,000 ރުފިޔާއަށްވުރެ އިތުރުވާނަމަ ރަހުނެއް ބެހެއްޓުން ލާޒިމުވާނެކަމަށް އެޗްޑީއެފްސީއިން މައުލޫމާތުދެއެވެ. އިންޓްރެސްޓް ރޭޓުގެ ގޮތުގައި އަހަރަކު %9.5 ނެގޭއިރު، ލޯނު އަނބުރާ ދެއްކުމަށް 5 އަހަރު ދުވަހުގެ މުއްދަތެއް ދެވޭނެ ކަމަށާއި، ގްރޭސް ޕީރިއަޑްގެ ގޮތުގައި 6 މަސް ދުވަހުގެ މުއްދަތެއް ދެވޭނެ ކަމަށް ކަމަށް އެސްޑީއެފްސީން ހާމަކޮށްފައިވެއެވެ.
އެސްޑީއެފްސީން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ލޯނަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު، ޝައުޤުވެރިވާ ފަރާތްތަކަށް އެސްޑީއެފްސީގެ ވެބްސައިޓް މެދުވެރިކޮށް ލޯނަށް އެދި ހުށަހެޅިދާނެއެވެ.
އެސްޑީއެފްސީއަކީ 2019 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. މި ކުންފުނީގެ މައިގަނޑު މަޤްޞަދަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، އަލަށް ފަށާ ވިޔަފާރިތަކަށް އެހީތެރިވުމާއި، ހިނގަމުންދާ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވައި ތަރައްޤީކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.




