އިސްލާމިކް ޑިވެލޮޕްމެންޓް ފަންޑު މެދުވެރިކޮށް ލިބުނު 65 މިލިއަން ޑޮލަރު (އެއް ބިލިއަން ރުފިޔާ) ގެ އެހީގައި މަޝްރޫއުއެއް ހިންގުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ނިންމައިފިއެވެ.
މިކަމާ ގުޅޭގޮތުން މިފްކޯ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ފަންޑުގެ ދަށުން ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ ކެޕޭސިޓީ އިތުރު ކުރަން މުހިއްމު މަސައްކަތްތަކެއް ރޭވިފައިވާ ކަމަށާއި އޭގެ ތެރޭގައި ހިދުމަތްތައް ރަނގަޅު ކުރުމަށާއި ބައެއް ތަކެތި ގަތުމުގެ އިތުރުން ކޮންސަލްޓިން ހިދުމަތް ވެސް ހިމެނޭ ކަމަށެވެ.
އެ މަޝްރޫޢުގައި ހަތް ކޮމްޕޯނަންޓެއް ހިމެނޭ ކަމުގައިވެސް މިފްކޯއިން ބުނެފައިވެއެވެ.
އެގޮތުން އެ ފައިނޭންސްގެ ދަށުން ރޭވިފައިވާ ކަންތައްތަކަކީ:
1. ކޯލްޑް ސްޓޯރޭޖު އިތުރު ކުރުން: ހއ. އިހަވަންދޫގައި 1000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖުގެ އިތުރުން 50 މެޓްރިކް ޓަނުގެ ބްރައިން ސްޓޯރޭޖެއް، އައްޑޫ ފިޝަރީސް ކޮމްޕްލެކްސްގައި 500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި 50 މެޓްރިކް ޓަނުގެ ބްރައިން ސްޓޯރޭޖެއް.
2. ކަނޑުއޮށްގިރީގައި 35 މެޓްރިކް ޓަނުގެ ފިޝް ޕްރޮސެސިން ޔުނިޓަކާއި ޕަވަ ޖެނެރޭޝަން އަޕްގްރޭޑު ކުރުން، ފެލިވަރުގައި 250 ޔުނިޓުގެ ސްޓާފު އެކޮމޮޑޭޝަނާއި ކޫއްޑޫގައި 100 ޔުނިޓުގެ ސްޓާފް އެކޮމޮޑޭޝަން.
3. މިފްކޯގެ ސްޓާފުންނާއި ސްޓޭކްހޯލްޑަރުންނަށް ޓްރެއިނިން ޕްރޮގްރާމު ހިންގުން
4. ޕްރޮޖެކްޓާއި ޕްރޮކިއުމެންޓާއި ފައިނޭންޝަލް މެނޭޖްމެންޓުގައި އެހީތެރިކަން ފޯރުކޮށްދިނުން
5. ކޮންޓިންޖެންސީ އެމަޖެންސީ ރެސްޕޮންސް
6. ފައިނޭންޝަލް އޮޑިޓް ހެދުން
7. އަގުތައް އުފުލުމާއި ދިމާވާ ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ޕްލޭން
މީގެއިތުރުން މިފްކޯއިން ބުނެފައިވަނީ މިއީ އިސްލާމިކް ޑިވަލޮޕްމެންޓް ފަންޑާ އެކު 2019 ވަނަ އަހަރު ވެފައިވާ އެއްބަސްވުމުގެ ދަށުން ހިންގާ މަޝްރޫއުތަކެއް ކަމަށެވެ.




