ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިހުސާސްކުރެވޭ ހޫނުމިން 37 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތިވެއްޖެކަމަށް މޫސުމާބެހޭ އޮފީހުން މަޢުލޫމާތު ދީފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، މިއަދު ހުޅުލޭގައި ވައިގެ ހޫނުމިން 32.2 ޑިގްރީގައި ހުރިނަމަވެސް، މީހުންނަށް އިހުސާސްކުރެވޭ ހޫނުމިން ވަނީ 37.2 ޑިގްރީއަށް އަރާފައެވެ. ހަމައެހެންމެ، ހދ. ހަނިމާދޫގައި ވައިގެ ހޫނުމިން 32.4 ޑިގްރީގައި ހުރިއިރު، އިހުސާސްކުރެވޭ ހޫނުމިން 36.9 ޑިގްރީއަށް އަރާފައިވާކަމަށް އެއިދާރާއިން ހާމަކޮށްފައިވެއެވެ.
މޫސުމާބެހޭ އިދާރާއިން އިތުރަށް ބުނީ ލ. ކައްދޫގައި ވައިގެ ހޫނުމިން 31.0 ޑިގްރީގައި ހުރިނަމަވެސް، އިހުސާސްކުރެވޭ ހޫނުމިން 36.3 ޑިގްރީއަށް އަރާފައިވާ ކަމަށެވެ. އަދި ގދ. ކާޑެއްދޫގައި ވައިގެ ހޫނުމިން 31.0 ޑިގްރީގައި ހުރިއިރު، އިހުސާސްކުރެވޭ ހޫނުމިން 36.6 ޑިގްރީއަށް އަރާފައިވާކަމަށް އެ އޮފީހުން ފާހަގަކޮށްފައިވެއެވެ. މީގެއިތުރުން، އައްޑޫ ސިޓީ ގަމުގައިވެސް ވައިގެ ހޫނުމިން 31.0 ޑިގްރީގައި ހުރިނަމަވެސް، އިހުސާސްކުރެވޭ ހޫނުމިން 36.3 ޑިގްރީއަށް އަރާފައިވާކަމަށް އެ އޮފީހުން ހާމަކޮށްފައިވެއެވެ.
ހަމައެއާއިއެކު، މިހިނގާ މާރޗު މަހާއި ކުރިއަށް އޮތް އޭޕްރީލް މަހަކީ އަހަރުގެ ތެރެއިން ރާއްޖޭގައި އެންމެ ހޫނުވާނެ ދެ މަސްކަން ފާހަގަކޮށް އެއިދާރާއިން ބުނީ މިދުވަސްވަރު ވިލާ މަދުވެ، ވައި މަޑުޖެހި، ވައިގެ ތެތްކަން މަތިވެފައި ހުރުމުގެ ސަބަބުން ވައިގެ ހޫނުމިނަށްވުރެ އިހުސާސްކުރެވޭ ހޫނުމިން މަތިވާނެ ކަމަށެވެ.
މިހާރު ރާއްޖޭގެ ގިނަ ސަރަހައްދުތަކުގައި އިހުސާސްކުރެވޭ ހޫނުމިން 37 ޑިގްރީއަށްވުރެ މަތީގައި ހުރިކަމަށް މޫސުމާބެހޭ އޮފީހުން ފާހަގަކޮށްފައިވެއެވެ.


