ނުނިމި ހުރި ތިން ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފިއެވެ.
އެ މަސައްކަތްތައް ނިންމަން އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން މިއަދު ވަނީ ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައެވެ.
ފެނާއި ނަރުދަމާގެ މަސައްކަތް ނިންމަން ފެނަކައާ ހަވާލުކޮށްފައި ވަނީ ށ.މާއުނގޫދޫ އާއި ށ.ނަރުދޫ އާއި ނ. ޅޮހީ ގެއެވެ.
މާއުނގޫދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމުމަށް 46,700,916.26 ރުފިޔާ (ސާޅީސް ހަ މިލިއަން ހަތްސަތޭކަ ހާސް ނުވަސަތޭކަ ސޯޅަ ރުފިޔާ ސައްބީސް) ލާރިއަށް ކޮންޓްރެކްޓްކޮށްފައި ވާއިރު ނަރުދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމުމަށް ކޮންޓްރެކްޓް ކޮށްފައި ވަނީ 36,858,717.05 (ތިރީސް ހަ މިލިއަން އަށްސަތޭކަ ފަންސާސް އަށްހާސް ހަތްސަތޭކަ ސަތާރަ ރުފިޔާ ފަސްލާރި) އަށެވެ.
މީގެ އިތުރުން ޅޮހީގެ މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ 37,844,864.34 (ތިރީސް ހަތް މިލިއަން އަށްސަތޭކަ ސާޅީސް ހަތަރު ހާސް އަށްސަތޭކަ ފަސްދޮޅަސް ހަތަރު ރުފިޔާ ތިރީސް ހަތަރު) ލާރިއަށެވެ.
މި ތިން ރަށުގެ މަސައްކަތްތައްތައް ނިންމަންވެސް ފެނަކައަށްދީފައި ވަނީ 540 ދުވަހެވެ.
މި އެއްބަސްވުމުގައި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދެވެ. ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާޙްއެވެ.



