ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ޙިކުމާ އަޙްމަދު ނިޒާރު ޢައްޔަން ކުރައްވައިފިއެވެ.
މި މަޤާމަށް ޙިކުމާ ޢައްޔަން ކުރެއްވީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ޙިކުމާ އަޙްމަދު ވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ ހުވައި ކުރައްވާފައެވެ. ރައީސްގެ ހާޒިރުގައި، ޙިކުމާ އަޙްމަދަށް ހުވާ ލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙަސަން ޝަފީޢުއެވެ. އަދި، މަޤާމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް ވަނީ ޙިކުމާ އަޙްމަދާ ހަވާލުކުރައްވާފައެވެ.
ޙިކުމާ އަޙްމަދަކީ މީގެކުރިން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ސިނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމު 2020 އިން 2024 އަށް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އެވިޑް ކޮލެޖުން ބެޗެލަރ އޮފް ޝަރީޢާ އެންޑް ލޯ އަދި މާސްޓަރސް އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައެވެ.



