ތައިލެންޑުގައި ދިވެހިރާއްޖެ ތަމްސީލުކުރައްވާ ސަފީރުގެ މަޤާމަށް އައްޔަންކުރެއްވި ފުއާދު ތައުފީގު، އެ ޤައުމުގެ ރަސްގެފާނު މަހާ ވަޖިރަލޮންގްކޯންއަށް ކްރެޑެންޝަލް އަރުވައިފިއެވެ.
ފުއާދު ތައުފީގު ކްރެޑެންޝަލް އެރުވީ ތައިލެންޑުގެ ރަސްގެފާނުގެ ގަނޑުވަރުގައި ބޭއްވުނު ޚާއްޞަ ޙަފްލާއެއްގައެވެ.
މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުންނާއި ދިވެހި ރައްޔިތުންގެ ފަރާތުން ތައިލެންޑުގެ ރަސްގެފާނަށް ހެޔޮއެދުންތައް އަރިސްކުރައްވާ ފުއާދު ވަނީ އެކި ދާއިރާތަކުން ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ތައްޔާރަށް ހުރި ކަމުގައި ވިދާޅުވެފައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ތައިލެންޑަށް ދިވެހި ސަފީރުކަމަށް ފުއާދު ޢައްޔަންކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.
ފުއާދު ތައުފީގު މީގެ ކުރިން އަދާކުރައްވަމުން ގެންދެވީ އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމުގެ މަޤާމެވެ.




