އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްތް މަރިޔަމް ޒުބައިރު (މަންދީ) ގެ ގަޔަށް ބަޔަކު ކަޅުތެޔޮ ޖެހުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައިފިއެވެ.
މިމަހުގެ 13 ވަނަ ދުވަހު އެމްޑީޕީގެ މުޒާހަރާއެއްގެ ތެރޭގައި، ރައީސްއާއި މެޑަމް ސާޖިދާގެ ދަރިކަލުންނާ ގުޅޭގޮތުން މަންދީވަނީ، ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާ ކުރެއްވީ އެ ދެކަނބަލުންގެ ދަރިކަލުން އެކަން ކުރެއްވުމުން ކަމަށް ބުނެ ތުހުމަތުތަކެއް ކޮށްފައެވެ.
އުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖަކާ ބެހޭގޮތުން އެފަދަ ވާހަކަތަށް ދެއްކުން އެޗްއާރްސީއެމްއާއި އީސީގެ އިތުރުން އެކިއެކި ސިޔާސީ އިސްވެރިންވެސް ވަނީ ކުށްވެރި ކުރައްވާފައެވެ. އަދި އެ ވާހަކަތަކާ ގުޅިގެން މަންދީއަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ވެސް ވަނީ އަމާޒުވެފައެވެ.
މީޣެއިތުރުން މެޑަމް ސާޖިދާ ވަނީ މަންދީއާ ދެކޮޅަށް މަދަނީ ޝަރީޢަތުގައި ދައުވާ ކުރައްވާނެ ކަމަށް ވެސް މިދިޔަ ހޮނިހިރު ދުވަހު ހާމަކުރައްވާފައެވެ.
އެމްޑީޕީން ރޭގައި ވެސް ބޭއްވި މުޒާހަރާއަކަށްފަހު، ގެއަށް ދިޔުމުގެ މަގުމަތީގައި މަންދީއާއި އެ ޕާޓީގެ އެހެން އެކްޓިވިސްޓެއް ކަމަށްވާ މުޙައްމަދު ލަމްއާންގެ ގަޔަށް ބަޔަކު ރޭގައި ކަޅުތެޔޮ ޖެހި މައްސަލައެއް މިހާރު ވަނީ ފެންމަތިވެފައެވެ.
މަރިޔަމް ޒުބައިރު ބުނި ގޮތުގައި މާސްކް އަޅައި ހެލްމެޓް އަޅައިގެން ތިބި ދެ މީހަކު ސައިކަލެއްގެ އައިސް އޭނާގެ ގަޔަށް ކަޅު ތެޔޮ ޖެހީ ރޭގެ މުޒާހަރާ ނިންމާލުމަށް ފަހު ޗާންދަނީމަގުގައި ހުންނަ އެމްޑީޕީ ހަރުގެއިން ނުކުމެގެން ގެއަށް ދަނިކޮށެވެ.
މިކަމާ ގުޅޭގޮތުން މެޑަމް ސާޖިދާ މިއަދު އެކަމަނާގެ ރަސްމީ ”އެކްސް“ އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރޭގައި އެމް.ޑީ.ޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރުގެ ގަޔަށް ކަޅުތެޔޮ ޖެހުން އެކަމަނާ އެންމެ ހަރުކަށު ޢިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ.
”އެއްވެސް މީހަކަށް މިފަދައިން ޙަމަލާދީ އަދި އުނދަގޫކުރުމަކީ ބަލައިގަނެވޭ ކަމެއްނޫން“ މެޑަމް ސާޖިދާ ވިދާޅުވެފައިވެއެވެ.
މީގެއިތުރުން އެކަމަނާ އެދިލައްވާފައިވަނީ މިވަތުތު ކަންކަން ހަލަބޮލި ނުކޮށް، އިންޞާފު ޤާއިމުކުރުމަށް ޖާގަދެއްވުމަށެވެ.



