އެނަމާ ބޯޓު އަޑިއަށް ދިޔަ ހާދިސާއަކީ، ރާއްޖޭގެ ކަނޑުގެ ހާދިސާތަކަށް ބަލާއިރު އަބަދުވެސް ހަނދާން ކުރާނެ ބިރުވެރި އަދި އެހާމެ ހިތާމަވެރި އެއް ހާދިސާއެވެ.
މީގެ 21 އަހަރު ކުރިން، 2004 ވަނަ އަހަރުގެ މާޗް މަހުގެ 17ވީ ބުދަ ދުވަހު އެނަމާ ބޯޓު ގއ. ވިލިނގިލިން ފުރީ އެ ރަށުގައި އޮތް ފުޓުބޯޅަ މެޗަކަށްފަހު ސަޕޯޓަރުން ގޮވައިގެން އެނބުރި އެ ބޯޓު ނިސްބަތްވާ ރަށް ކަމުގައިވާ ގދ. ތިނަދޫއަށް ދިޔުމަށެވެ. އެމެޗަކީ ދިވެހި ލީގަށް ކޮލިފައިވާން ޒޯން ހަތެއްގެ ގދ. ތިނަދޫ މަސްވެރިންގެ ރޫހާއި، ގއ. ވިލިނގިލީ މަސްވެރިންގެ ކްލަބް ވިލިނގިލިއާ ބައްދަލުކުރި މެޗެވެ. އެ މެޗުން ބަލިވީ ތިނަދޫ މަސްވެރިންގެ ރޫހު ޓީމެވެ.
ޖުމްލަ 122 މީހުންނާއެކު އެނަމާ ބޯޓު ފުރިއިރު، އެއީ އެ ބޯޓަށް އެކަށީގެންވާ އަދަދަށްވުރެ ގިނަ އަދަދެއްކަމަށް އެއިރުގެ ފުލުހުން، ނޭޝަނަލް ސެކިއުރިޓީ ސާވިސަސް (އެންއެސްއެސް) އިން ހާމަކޮށްފައިވެއެވެ. ބޯޓުން ދަތުރުކުރި 122 ގެ އިތުރުން މުދަލަކަށް ހުރީ ކައްކާ ގޭސް ހުސްކުރި ފުޅިތަކަކާއި ހޮސްޕިޓަލުގެ މެޑްއޮކްސިޖަން ހުސްކުރި ފުޅިތަކެކެވެ.
އެ ހާދިސާއާ ގުޅޭގޮތުން އެއިރު މައުލޫމާތު ދިން ބައެއް މީހުން ބުނި ގޮތުގައި، އެރެއަކީ ކަނޑުގަދަ ރެއެއް ނޫނެވެ. ކަނޑުމަތި ވަރަށް މަޑުކަމަށާއި ދަތުރަށް ފެށިއިރު އެކަހަލަ އެއްވެސް ބިރުވެރިކަމެއް ދިމާވެދާނެ ކަމުގެ ނިޝާނެއް ވެސް ފެނިފައިނުވާކަމަށް އެމީހުން ބުންޏެވެ.
ނަމަވެސް ހުރިހާކަމެއް ސިކުންތުކޮޅެއްގެ ތެރޭގައި ބަދަލުކޮށްލީ، ޖަހާލި އެންމެ ކުޑަ ރާޅަކުންނެވެ.
އެ ދަތުރުގެ ކުރީކޮޅު ބޯޓުގެ އިންޖީނަށް ޖެހުނު މައްސަލައެއް ހައްލު ކުރުމަށްފަހު ތިނަދޫއާ ދިމާލަށް ދަނިކޮށް، އެރޭ 08:30 ހާއިރު، އެނަމާ ބޯޓު ކައިރިން ލާފައި ”އަރުތަ“ ކިޔާ މަސްދޯންޏެއް ދިޔުމުގެ ސަބަބުން އުފެދުނު ކުޑަ ރާޅެއްގައި ޖެހި ބޯޓު އެއްފަރާތަށް އަރިވެލާފައި އަނެއްފަރާތަށް ދިޔަގޮތަށް ބޯޓު ބަންޑުންޖަހާލީއެވެ.
މީގެ 21 އަހަރު ކުރިން ދިމާވި މި ހާދިސާއާ ގުޅޭގޮތުން އެއްކުރެވިފައިހުރި މައުލޫމާތުތަކަށް ބަލައިލާއިރު، އެނަމާ ބޯޓު ބަންޑުން ޖަހާލުމުން ”އަރުތަ“ މަސްދޯނިން އެހީތެރިކަން ފޯރުކޮށްދިނެވެ. ނަމަވެސް ހަމައެވަގުތު އެ ސަރަހައްދު ކައިރިން ދަތުރުކޮށްފައިދިޔަ ގއ. ދާންދޫ ”މިޔަރެން“ މަސްދޯންޏަށް އެވަގުތު މުހިންމުވީ އިންސާނުންތަކެއްގެ ފުރާނަ ސަލާމަތް ކުރުމަށްވުރެ، އެމީހުން ބާނާފައި ހުރި 12 ޓަނުގެ މަސް ކިރާށެވެ. ކަނޑުވެފައިތިބި މީހުންގެ އާދޭސްތަކަށް ބީރުކަންފަތެއް ދިނުމަށްފަހު އެ ދޯނި ދަތުރުކުރީ ކޫއްޑޫއަށެވެ. މި މައްސަލައިގައި މިޔަރެން މަސްދޯނީގެ 17 މީހަކަށް ދައުވާކޮށް އަދަބުވެސް ދިނެވެ.
އެނަމާ ބޯޓު ބަންޑުން ޖަހާލި ހިތާމަވެރި އަދި އެހާމެ ބިރުވެރި މިހާދިސާގައި 24 މީހަކު މި ދުނިޔެއިން ވަކި ވެގެން ދިޔައެވެ. އަދި ދެ މީހަކު އެ ދުވަހުން ފެށިގެން މިއަދާ ޖެހެންދެން ވެސް ވަނީ ގެއްލިފައެވެ. މި ހާދިސާގައި ނިޔާވި މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ގިނަ ބަޔަކުވެސް ހިމެނެއެވެ.
ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި، އެނަމާ ބޯޓު ބަންޑުން ޖަހާލިއިރު އެ ބޯޓުގެ މަތީގައި ވެސް ގިނަ ބަޔަކު ތިއްބެވެ. ޖަހާލި ކުޑަ ރާޅަކާއެކު ފަސޭހައިން ބޯޓު ބަންޑުން ޖަހާލަން މެދުވެރިވީ މި ސަބަބާ ހެދިކަމަށް ބައެއް މީހުން ދެކެއެވެ. މީގެއިތުރުން އެ ބޯޓުގެ މުދާ ލާ ބައިގައި ވެސް، ބޯޓު ބެލެންސް ކުރާނެ ބަރުދަނެއް ނެތްކަން ވެސް ބައެއް މީހުން ފާހަގަ ކޮށްފައިވެއެވެ.
އެނަމާ ބޯޓު ބަންޑުން ޖަހާލި މި ހިތާމަވެރި ހާދިސާއަށްފަހު ދެ އަހަރެއްހާ ދުވަސް ވަންދެން އެ ބޯޓު އެއްވެސް ދަތުރެއް ނުކުރެއެވެ. ބޯޓުގެ ދަތުރުތައް އަލުން ކުރަން ފެށީ 2006 ވަނަ އަހަރުގައެވެ. އަދި ފަހުން އެނަމާ ބޯޓުގެ ނަންވެސް ވަނީ ”ކުރިމަގު“ އަށް ބަދަލުކޮށްފައެވެ.
އެނަމާ ބޯޓު ބަންޑުން ޖަހާލުން ވެގެން ދިޔައީ، ރާއްޖޭގެ ތާރީހުގައި ވެސް ދިވެހީނަށް އެންމެ ހިތާމަވެރި އެއް ހާދިސާއަށެވެ. ގައުމީ ޓީވީ އިން މުޅި ދުވަހުހެން ޖެހީ ގުރުއާނެވެ. މުޅި ގައުމު އޮތީ ހިތާމައިގަ އެވެ. އެ ކާރިސާއާ ގުޅިގެން 19 މާޗް 2004 ވީ ހުކުރު ދުވަހަކީ ގައުމީ ހިތާމައިގެ ދުވަހެއްގެ ގޮތުގައި އޭރުގެ ސަރުކާރުން، ހަމަޖެއްސެވިއެވެ.
މިއަދަކީ މި ހިތާމަވެރި ހާދިސާއަށް 21 އަހަރު ފުރުނު ދުވަހެއެވެ.
މި ހިތާމަވެރި ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކުން އަދިވެސް މިދުވަސް ފާހަގަ ކުރަނީ އެމީހުންގެ މުޅި ދިރިއުޅުމުގައި ވެސް ދިމާވި އެންމެ ހިތްދަތި އެއް ދުވަހުގެ ގޮތުގައެވެ. މިއީ ހަމަޔަގީނުންވެސް އެ އާއިލާތަކާއި ގިނަ ދިވެހީންގެ ހިތްތަކުން ވެސް ފިލައިގެން ނުދާނެ ދުވަހެއްކަމާމެދު ޝައްކެއްވެސް ނެތެވެ. އަދި މިއީ އަދުގެ ޒުވާނުންނާއި އަންނަން އޮތް ޖީލުތަކަށް ވެސް މިހާދިސާގެ މައުލޫމާތު އެނގެންޖެހޭ އިބްރަތުން ފުރިގެންވާ ހިތާމަވެރި ހާދިސާއެކެވެ.




