ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑް ކުރި މައްސަލަ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅުއްވައިފިއެވެ.
މިފަހުން އިސްތިއުފާ ދެއްވި ފަނޑިޔާރު ހުސްނުއްސުއޫދު ހުށަހެޅުއްވި މައްސަލައިގައި ފާހަގަކުރައްވާފައިވަނީ، އޭނާ އާއި އިތުރު ދެ ފަނޑިޔާރަކު ސަސްޕެންޑް ކުރެވުނީ ގާނޫނުއަސާސީއަށް ގެނެވުނު އިސްލާހަކާ ގުޅިގެން ސުޕްރީމް ކޯޓުގައި ހިނގަމުންދިޔަ މައްސަލައެއް ހުއްޓުވުމަށް ކަމަށެވެ.
މީގެ އިތުރުން، ސުއޫދު ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް މަޖިލީހުން ގާނޫނެއް ފާސްކޮށް، އަދި އެހެނިހެން ގޮތްގޮތުންވެސް ޝަރުއީ ދާއިރާގެ މިނިވަންކަމަށް ހުރަސްއަޅާ، ގާނޫނުއަސާސީ އިސްލާހު ކުރުމާ ގުޅޭ މައްސަލަ ބާޠިލުކުރުމަށް ސަރުކާރުން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފައި ވަނީ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރެވުނީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ ފަނޑިޔާރުންނާ ގުޅޭ ޖިނާއީ މައްސަލަތަކެއް ތަހުގީގުކުރަމުންދާތީ ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލަތަކެއްކަން ޖޭއެސްސީއިން ހާމަކޮށްފައެއް ނުވެއެވެ.
ސަސްޕެންޑް ކުރެވުނު ފަނޑިޔާރުންގެ ތެރޭގައި ހުސްނުއްސުއޫދާއި މަހާޒް އަލީ ހިމެނެއެވެ.
ހުސްނުއްސުއޫދު އދ. އަށް ހުށަހެޅުއްވި މައްސަލައިގައި އިތުރަށް ފާހަގަކުރައްވާފައި ވަނީ، ޖޭއެސްސީގައި ސިޔާސީ ފަރާތްތައް ތިބުމުގެ ސަބަބުން ކޯޓުތަކުގެ މިނިވަންކަމަށް އަސަރުކުރާ ކަމަށާއި ކުރީގެ ސަރުކާރުތަކުންވެސް، ސަރުކާރުގެ ބޭނުމާ ޚިލާފަށް ކޯޓަކުން ނިންމުމެއް ނިންމައިފިނަމަ، އެ ނިންމުން ނިންމި ފަނޑިޔާރުންނަށް އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތިކުރުވާފައިވާ ކަމަށެވެ.




