ރާއްޖެއަށް މަސައްކަތު ވިސާގައި އައިސް އުޅުނު ތިން ބިދޭސީއަކު ފުޅާ ދާއިރާއެއްގައި ހަށިވިއްކަމުންދިޔަ މައްސަލައެއްގައި އަތުލައިގެންފިއެވެ.
މި މައްސަލައިގައި މޯލްޑިވްސް އިމިގްރޭޝަނުން އަތުލައިގެންފައިވަނީ ވިއެޓްނާމުގެ 2 އަންހަނަކާއި ލާއޯސްގެ އަންހެނެކެވެ.
މިކަމާ ގުޅޭގޮތުން އިމިގްރޭޝަނުން ބުނީ ރާއްޖޭގައި މަސައްކަތު ވިސާގައި އުޅެމުންދިޔަ 3 ބިދޭސީ އަންހެނަކު ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާ މައްސަލައަކާއި ގުޅިގެން އިމިގްރޭޝަނާއި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެމީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.
އޭގެތެރެއިން ދެ މީހަކު މިހާރު ޑީޕޯޓުކޮށްފައިވާއިރު އަނެއް ބިދޭސީ މީހާ ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.
ރާއްޖޭގައި ފުޅާ ދާއިރާގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ގިނަ ބިދޭސީންތަކެއް މީގެ ކުރިންވެސް އިމިގްރޭޝަނުން ވަނީ އަތުލައިގަނެ، ޑީޕޯޓު ކޮށްލާފައެވެ.



