އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރުވެސް ގޮވާމުގެ ބާވަތްތަކުން ފިޠުރުޒަކާތް ދެއްކުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުސަތު، 22 ރަމަޟާން 1446 (22 މާރިޗު 2025) ވާ ހޮނިހިރު ދުވަހުން ފެށިގެން، 27 ރަމަޟާން 1446 (27 މާރިޗު 2025) ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.
އެގޮތުން ފިޠުރުޒަކާތުގެ ގޮތުގައި ދައްކާނީ އެބަޔަކު ޢާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް، 2.4 ކިލޯގެ މިންވަރު ކަމުގައި އެ މިނިސްޓްރީން މިއަދު ބުނެފައިވެއެވެ.
މާލެ ސިޓީގައި ގޮވާމުން ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މަޖީދިއްޔާ ސްކޫލުގެ ސަލާޙުއްދީން ހޯލު (ކުރީގެ ދަރުމަވަންތަ ސްކޫލް ހޯލު) ގައެވެ. ގޮވާމުން ފިޠުރު ޒަކާތް ދެއްކުމަށް ވަޑައިގަންނަވާ ބޭފުޅުން ބޭނުން ކުރައްވާނެ ގޭޓަކީ، ކުރީގެ ދަރުމަވަންތަ ސްކޫލުގެ (އަމީރު އަޙްމަދު މަގުގައިވާ) މައި ގޭޓުކަމުގައި ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ފިޠުރު ޒަކާތުގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވާ ބާވަތްތައް:
1. އާދައިގެ ހަނޑޫ
2. ތައިލެންޑް ހަނޑޫ
3. ބާސްމަތީ ހަނޑޫ
4. ރަތް ހަނޑޫ
5. ގޮދަން ފުށް
6. އާޓާ ފުށް
ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިތައް:
22 މާރިޗު 2025 – 27 މާރިޗު 2025 / 13:00 ން 16:00 އަށް



