ޤައުމީ ޓީމް ތަމްސީލްކުރަން ލިބޭ ކޮންމެ ފުރުސަތެއްގައިވެސް ޤައުމީ ރޫހާއެކު ކުޅެން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު އެދިއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މި މަހުގެ 19 ވަނަ ދުވަހު ކުޅޭ އެކުވެރިކަމުގެ މެޗާއި، އޭއެފްސީ އޭޝިއަން ކަޕްގެ ކޮލިފައިންގައި ގައުމީ ޓީމު މި މަހުގެ ފަހުކޮޅު ފިލިޕީންސްއާ ދެކޮޅަށް ކުޅެން ތައްޔާރުވަމުން އަންނައިރު އިންޑިއާ އަށް ފުރުމުގެ ކުރިން ބޭއްވި އެންމެ ފަހުގެ ފަރިތަކުރުންތަކަށްފަހު ޓީމާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ވަޒީރު ރާފިޢު ވަނީ ފުޓްބޯޅަ ސީޒަން ނުފެށި އޮތް ދަނޑިވަޅެއްގައި ޤައުމީ ޓީމެއް އެކުލަވާލަން ޖެހުނު ނަމަވެސް، ކުޅުންތެރިންނާއި ކޯޗުންގެ ފާރާތުން ލިބެމުން އަންނަ އެއްބާރުލުން ފާހަގަކުރައްވާފައެވެ.
ފީފާ އާއި އޭއެފްސީގެ އެހީތެރިކަމާއިއެކު އެފްއޭއެމްގެ ހިންގުން ހަރުދަނާކުރުމުގެ މަސައްކަތްކުރަމުން އަންނައިރު، ސަރުކާރުންވެސް އަންނަނީ އެފްއޭއެމަށް ގިނަ އެހީތަކެއް ފޯރުކޮށްދެއްވަމުންނެވެ.
މިގޮތުން ކުލަބުތަކަށް މާލީ ގޮތުން އެހީތެރިކޮށްދެއްވައި، އާ ފުޓްބޯޅަ ސީޒަން ފެށުމަށް އެފްއޭއެމުން ކުރަމުން އަންނަ މަސައްކަތުގައިވެސް ސަރުކާރުން އަންނަނީ އެހީވަމުންނެވެ.



