ކުދި އަދި މެދު ފަންތީގެ ދަނޑުވެރިކަމުގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކޮމަން ފަންޑް ފޯ ކޮމޮޑިޓީސް (ސީއެފްސީ) އިން ޚާއްޞަ ލޯނު ސްކީމެއް ތަޢާރަފުކޮށްފިއެވެ.
މި ލޯނު ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު ސީއެފްސީން ވަނީ މިހާރު ހުޅުވާލާފައެވެ.
އެގްރިކަލްޗަރ މިނިސްޓްރީގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ލޯނު ސްކީމަކީ ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ލިބިގެންދާނެ މުހިންމު ފުރުޞަތެކެވެ. އަދި މީގެ ސަބަބުން ދަނޑުވެރިންގެ ވިޔަފާރިތައް ތަރައްޤީކޮށް ފުޅާކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އެ މިނިސްޓްރީން ފާހަގަކުރެއްވިއެވެ.
ސީއެފްސީން ހާމަކުރި ގޮތުގައި، މި ލޯނު ސްކީމުގެ ދަށުން އަންހެން ދަނޑުވެރިންނަށް ޚާއްޞަ އިސްކަމެއް ދެވޭނެއެވެ. މީގެ އިތުރުން، އާ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމަށް ހުށަހަޅާ ފަރާތްތަކަށްވެސް އިސްކަން ދެވޭނެ ކަމަށް އެ ފަރާތުން ބުނެފައިވެއެވެ.
ލޯނަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަވާނީ ކުރިއަށް އޮތް މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށެވެ. ވީމާ، ޝަރުޠު ހަމަވާ ދަނޑުވެރިން މި ފުރުޞަތުގެ ބޭނުން ހިފުމަށް ސީއެފްސީން ގޮވާލައްވާފައިވެއެވެ.



