މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ފިތުރު ޒަކާތުގެ ގޮތުގައި 2.9 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ލިބިފައިވާ ކަމަށް ޒަކާތް ހައުސްއިން ހާމަކޮށްފިއެވެ.
ޒަކާތު ހައުސްއިން ބުނެފައިވާ ގޮތުގައި މިއީ ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން މި މުއްދަތުގައި ލިބުނު އެންމެ ބޮޑު އަދަދެވެ.
އެގޮތުން ޒަކާތް ހައުސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އޮންލައިން ޕްލެޓްފޯމްތަކާއި ޒަކާތު ހައުސްގެ ކައުންޓަރުތަކުން ފިތުރު ޒަކާތުގެ ގޮތުގައި ޖުމްލަ 2،913،839.61 ރުފިޔާ ވަނީ ބަލައިގަނެފައެވެ. އަދި ރަމަޟާން މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 6:00 އާ ހަމައަށް އޮންލައިންކޮށް ޒަކާތް ބަލައިގަތުން ކުރިއަށްދާނެ ކަމަށް ވެސް އެ އިދާރާއިން މަޢުލޫމާތު ދީފައިވެއެވެ.
މި އަހަރު އޮންލައިންކޮށް ޒަކާތް ދެއްކުމަށް 6 ޕްލެޓްފޯމެއް ތަޢާރަފުކޮށްފައިވާ ކަމަށް ޒަކާތު ހައުސްއިން ބުނެފައިވެއެވެ. މީގެ ތެރޭގައި ދިރާގު އެޕް، އުރީދޫ އެމް-ފައިސާ، މޯލްޑިވްސް އިސްލާމިކް ބޭންކް، ބޭންކް އޮފް މޯލްޑިވްސް މޯބައިލް، ފަހިޕޭ އަދި ބަނޑޭރި ޕޭ ހިމެނެއެވެ. ޚާއްޞަކޮށް ބަނޑޭރި ޕޭ އާއި ފަހިޕޭ މެދުވެރިކޮށް ރޯދަ މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ވެސް ފިތުރު ޒަކާތް ދެއްކުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.
އުމުރުން ދުވަސްވީ މީހުންނާއި އޮންލައިން ޚިދުމަތްތަކަށް އަހުލުވެރިނުވާ ފަރާތްތަކަށް އަމާޒުކޮށް، އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ވެސް ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ޒަކާތު ހައުސްއިން ހާމަކޮށްފައިވެއެވެ. މީގެ އިތުރުން، ރާއްޖޭގެ އެހެނިހެން ރަށްރަށުގައި ނަގުދު ފައިސާއިންނާއި ކައުންސިލްތަކުގެ އެކައުންޓްތަކަށް ޓްރާންސްފަރ ކޮށްގެން ފިތުރު ޒަކާތް ބަލައިގަތުމުގެ މަސައްކަތް ކުރިއަށްގެންދާނީ އެ ރަށެއްގެ ރަށު އަދި ސިޓީ ކައުންސިލްތަކުން ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.
ޒަކާތު ހައުސްއިން ދީފައިވާ މަޢުލޫމާތުގައި، ފިތުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ އަދަދުތައް ވެސް ހާމަކޮށްފައިވެއެވެ. މިގޮތުން އާދައިގެ ހަނޑޫ ބޭނުންކުރާ ފަރާތްތަކުން 12 ރުފިޔާ ދައްކަންޖެހޭއިރު، އެންމެ މޮޅު ބާސްމަތީ ހަނޑޫ ބޭނުންކުރާ ފަރާތްތަކުން 133 ރުފިޔާ ދައްކަންޖެހޭ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. މީގެ އިތުރުން، ތައިލެންޑް ހުދު ހަނޑޫ ބޭނުންކުރާ ފަރާތްތަކުން 62 ރުފ ރުފިޔާ، ރަތް ހަނޑޫ ބޭނުންކުރާ ފަރާތްތަކުން 86 ރުފިޔާ، އަދި އާޓާ ފުށް ބޭނުންކުރާ ފަރާތްތަކުން 75 ރުފިޔާ ދައްކަންޖެހޭ ކަމަށް ވެސް ޒަކާތު ހައުސްއިން ހާމަކޮށްފައިވެއެވެ.
ޒަކާތު ހައުސްގެ ކައުންޓަރުތަކުން ޒަކާތް ބަލައިގަތުމުގެ ވަގުތުތައް ވެސް އާންމުކޮށްފައިވެއެވެ. އެގޮތުން މާރިޗު 2 އިން 20 އަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:30 އިން މެންދުރުފަހު 1:00 އަށް ކައުންޓަރުތައް ހުޅުވާފައި ހުންނާނެ ކަމަށާއި، މާރިޗު 23 އިން 30 އަށް ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު މެންދުރު 11:00 އިން މެންދުރުފަހު 2:00 އަށް ކައުންޓަރުތައް ހުޅުވާފައި ހުންނާނެ ކަމަށް ބުނެފައިވެއެވެ.




