އއ. ތޮއްޑޫ ބީޗުގައި ބަރަހަނާވެގެން އުޅުނު ފަތުރުވެރިއަކު ހައްޔަރު ކުރަން އުޅުމުން ފުލުހުންނަށް ހަމަލާދީފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ތޮއްޑޫ ގެސްޓްހައުސްއަކަށް އައިސް އުޅުނު ރަޝިއާ ފިރިހެން ފަތުރުވެރިއަކު އިއްޔެ މެންދުރުފަހު 3:00 ހާއިރު، އެރަށު ވަޅުމަގުކޮޅު ބީޗުގައި ބަރަހަނާވެގެން އުޅުނު މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ސީނަށް ދިޔުމުން، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންނަަށް އޭނާގެ ފަރާތުން އަނިޔާވި ކަމަށާއި ފުލުހުންގެ ވެހިކަލަކަށް ވެސް އޭނާ ގެއްލުން ދީފައިވާ ކަމަށް އޮފިޝަލު ވިދާޅުވެފައިވެއެވެ.
މި މައްސަލައާ ގުޅިގެން އެ ފަތުރުވެރިޔާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް މީޑިއާ އޮފިޝަލު މައުލޫމާތު ދެއްވާފައިވެއެވެ.
ފުލުހުންގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރައްވަމުންނެވެ.



