ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހުސެއިން ޝަހީދު އައްޔަނު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވާފައިވާ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.
ރާއްޖޭގެ އެންމެ މަތީ ކޯޓު ކަމުގައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމެއް ހުސްވެފައިމިވަނީ އެ މަގާމުގައި ކުރިން ހުންނެވި ފަނޑިޔާރު ހުސްނުއް ސުއޫދު މި މަހުގެ 4 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ހުސްވި މަގާމަށް ދެ ފަހަރު މަތިން އިއުލާންކޮށްގެން ތިން ބޭފުޅަކު ކުރިމަތިލެއްވުމުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ރައީސަށް ލަފާ ދިނީ ޝަހީދު އައްޔަން ކުރުމަށެވެ. އެހެންކަމުން ރައީސް މުޢިއްޒު ވަނީ ޝަހީދުގެ ނަން އިއްޔެ މަޖިލީހަށް ފޮނުއްވާފައެވެ.
މިކަމާ ގުޅިގެން ރައީސް މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވަނީ މަޖިލިހުގެ ތަޅުމުގައި އިއްވަވާ ދެއްވާފައެވެ.
އޭގެ ފަހުގައި، ޝަހީދުގެ ނަން ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނއްވާ ކަމަށް، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާން ކުރެއްވި އެވެ.
އެ ކޮމިޓީން މި މައްސަލަ ދިރާސާކުރުމުގައި ބަލާނީ ޖޭއެސްސީންނާއި ރައީސް އޮފީހުން އިޖުރާއަތްތައް ފުރިހަމަ ގޮތުގައި ހިންގާފައިވޭތޯއެވެ.
ހުސެއިން ޝަހީދަކީ މިވަގުތު ހައިކޯޓުގެ އިސްފަނޑިޔާރުވެސް މެއެވެ. އޭނާ ހައި ކޯޓުގައި ފަނޑިޔާރުކަން ކުރައްވާތާ މިހާރު ހަތް އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.
މީގެއިތުރުން ޝަހީދު ވަނީ އައްޑު އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން ވެސް ކުރައްވާފައެވެ. އަދި ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސް މެޖިސްޓްރޭޓްކަމާއި ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގެ އިތުރުން ކްރިމިނަލް ކޯޓުގެ އެސިސްޓެންޓް ލީގަލް އޮފިސަރުކަން ވެސް މީގެކުރިން އޭނާ ކުރައްވާފައިވެއެވެ.



