ރައްޔިތުންގެ މަޖިލިހަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެއްވެސް ނުފޫޒެއް ނުފޯރުއްވަވާ ކަމަށާއި މަޖިލިސް ހިންގަވަމުން ގެންދަވަނީ އެކުލަވައިލައިފައިވާ ގަވައިދުތަކާ އެއްގޮތަށް ކަމަށް، މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވެފައިވަނީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ކެންދޫ ދައިރާގެ މެންބަރު މައުރޫފް ޒާކިރު މިއަދުގެ މަޖިލިސް ޖަލްސާގައި ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.
އެގޮތުން މެންބަރު މައުރޫފް ވިދާޅުވީ 20ވަނަ ރައްޔިތުންގެ މަޖިލީހަކީ ރައީސް މުޢިއްޒުގެ ބާރު ހިނގާ މަޖިލީހެއްކަމަށެވެ.
މައުރޫފްގެ ވާހަކައިގައި، ރައީސުލްޖުމްހޫރިއްޔާގެ ކޮންޓްރޯލު މުޅި މަޖިލީހަށް އޮތްކަމަށް ފާހަގަކުރެއްވީ ރަމަޟާން މަހު ވަޒީރުންނާ ސުވާލުކުރަން، ވަޒީރުން މަޖިލީހަށް ހާޒިރުކުރަން ދަތިވުމުން އެކަމުގެ ކަންބޮޑުވުމާއެކުގައެވެ.
އޭނާ ވިދާޅުވީ މަޖިލިސް ރައީސް އަބްދުއްރަހީމާއި މެންބަރުން ވެސް ކޮންޓްރޯލުކުރައްވަނީ ރައީސް މުޢިއްޒު ކަމަށެވެ.
”ވަކީން ޚާއްސަކޮށް (މަޖިލިސް) ރައީސަކީ، ރައީސުލްޖުމްހޫރިއްޔާގެ ކޮންޓްރޯލުގައި އިންނެވި ބޭފުޅެއް. ބޮޓުންތަކެއް އޮޕަރޭޓްކުރާ ގޮތަށް މި ތަން މި އޮޕަރޭޓްކުރަނީ“ ކެންދޫ ދާއިރާގެ މެންބަރު ވިދާޅުވިއެވެ.
މައުރޫފްގެ އެ ވާހަކަ ހުއްޓުވުމަށްފަހު އަބްދުއްރަހީމް ވިދާޅުވީ މަޖިލިސް ހިންގަމުން ދަނީ މަޖިލިސް ހިންގުމަށް އެކުލަވައިލައިފައިވާ ގަވައިދުތަކާ އެއްގޮތަށް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ކޮންޓްރޯލު މުޅި މަޖިލީހަށާއި، ރިޔާސަތަށް އޮތް ކަމަށް ބުނެ މައުރޫފް ވިދާޅުވީ ރަނގަޅު ވާހަކަފުޅެއް ނޫންކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
”އެހެންވީމާ ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ ސުޕަމެޖޯރިޓީ މިތާ އޮތުމަކީ އެއީ އަދި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެ މަނިކުފާނު މި ތަން ކޮންޓްރޯލުކުރާކަމަށް ވިދާޅުވެވޭނެ ސަބަބެއްކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން،“ މަޖިލިސް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން އަބްދުއްރަހީމް ވަނީ މަޖިލިސް މެންބަރުންނަށް އިހާނެތިކަމެއް ލިބޭނެފަދަ ވާހަކައެއް ނުދެއްކުމަށް ވެސް މެންބަރު މައުރޫފްގެ ކިބައިން އެދިލައްވާފައެވެ.




