ތިން މިނިސްޓްރީއެއްގެ މަސައްކަތްތަކުގެ ދާއިރާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންނެވި ބަދަލުތައް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
އެގޮތުން ރައީސް މުޢިއްޒު މަޖިލީހަށް ފޮނުއްވާފައިވަނީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އިމާރާތްކުރުމާއި ހައުސިންގް މިނިސްޓްރީގެ އިތުރުން ފިނޭންސް މިނިސްޓްރީއަށް ގެންނެވި ބަދަލުތައް ފާސްކުރެއްވުމަށެވެ.
މި ބަދަލުތައް ފާސްކޮށްފައިވަނީ މަޖިލިހުގެ 50 މެންބަރުންގެ ވޯޓުންނެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޙްތިޔާރުގެ ދަށުން އެމަނިކުފާނު ވަނީ ބައެއް މިނިސްޓްރީތަކުގެ ނަން ބަދަލު ކުރައްވައި، ބައެއް މިނިސްޓްރީތައް އުވާލައްވާފައެވެ.
އެގޮތުން ޓޫރިޒަމް މިނިސްޓްރީ އުވާލައްވައި، އެންވަޔަރަމަންޓް މިނިސްޓްރީއާ އެ މިނިސްޓްރީ ގުޅާލެއްވިއެވެ. އަދި މިނިސްޓްރީގެ ނަން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓަށް ވެސް ވަނީ ބަދަލު ކުރައްވާފައެވެ.




