ވީޑިއޯ މެދުވެރިކޮށް ހުށަހަޅައި ސުވާލުތަކަށް، ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޖަވާބު ދެއްވުމަށް ކުރިއަށް ގެންދިޔަ ”ރައީސްގެ ޖަވާބު“ ސިލްސިލާގައި، ވީޑިއޯ މެދުވެރިކޮށް ސުވާލު ހުށަހަޅަން ބޭނުންވާ ރައްޔިތުންނަށް ރައީސް އޮފީހުން މިއަދު އެ ފުރުސަތު އަލުން ހުޅުވައިދެއްވައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ، ވީޑިއޯ މެދުވެރިކޮށް ރައީސްއާ ސުވާލު ކުރަން ބޭނުންވާ ފަރާތްތަކުން ސުވާލު ރިކޯޑުކޮށް އެ ސުވާލު ހުށަހަޅާނީ ރައީސް އޮފީހުގެ https://citizensvoice.gov.mv/ ޕޯޓަލަށް ކަމަށެވެ.
ނުވަތަ ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓު މެދުވެރިކޮށްވެސް ކޮންމެ ރައްޔިތަކަށްވެސް ބޭނުން ކުރެވޭނެ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

”ރައްޔިތުންގެ އަޑު“ ޕޯޓަލަށް ރައްޔިތުން ފޮނުވާ ސުވާލުތަކަށް ރައީސް މުޢިއްޒު ޖަވާބު ދެއްވާނީ ”ރައީސްގެ ޖަވާބު“ ސިލްސިލާގެ ތެރެއިން ކަމުގައި ވެސް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.
”ރައީސްގެ ޖަވާބު“ ސިލްސިލާއަކީ، ވީޑިއޯ މެދުވެރިކޮށް ރައްޔިތުން ހުށަހަޅާ ސުވާލުތަކަށް، ސީދާ ރައީސް މުޢިއްޒު ވީޑިއޯ މެދުވެރިކޮށް ދެއްވާ ޖަވާބު އާންމުކުރަމުން ގެންދާގޮތަށް، މިދިޔަ އަހަރުގެ ފެބްރުއަރީމަހު ފެށި ސިލްސިލާއެކެވެ.
މި ސިލްސިލާގައި އޭރު ސުވާލުކުރެވެމުން ދިޔައީ، ރައީސް އޮފީހުގެ މީޑިއާ ޓީމަކުން ރައްޔިތުންނާ ބައްދަލުކޮށް، ވީޑިއޯ ސުވާލު ހުށަހެޅުމަށް ފުރުސަތު ދީގެންނެވެ.
ނަމަވެސް، މިގޮތަށް އެކަން ކުރިއަށް ގެންދިއުމުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ކަންކަމާއި ގުޅިގެން ރައީސްއާ ސުވާލުކުރުމަށް ބޭނުންވާ ހުރިހާ ރައްޔިތުންނަށް ހަމަހަމަގޮތެއްގައި ފުރުސަތު ދެވެމުން ނުދާތީ، ކޮންމެ ރައްޔިތަކަށްވެސް ވީޑިއޯ ސުވާލު ހުށަހެޅޭނެ ޕޯޓަލެއް އުފައްދައި ބޭނުންކުރެވެން ފެށެންދެން ”ރައީސްގެ ޖަވާބު“ ސިލްސިލާ ވަނީ އެއިރު ވަގުތީގޮތުން މެދުކަނޑައިލައްވައިފައެވެ.
ރައީސް އޮފީހުން ”ރައީސްގެ ޖަވާބު“ ސިލްސިލާ އަލުން ފަށާފައިމިވަނީ، ވީޑިއޯ މެދުވެރިކޮށް ކޮންމެ ރައްޔިތަކު ކޮންމެ ވަގުތަކު ރައީސަށް ހުށަހަޅަން ބޭނުންވާ ކޮންމެ ސުވާލެއްވެސް، ”ރައްޔިތުންގެ އަޑު“ ޕޯޓަލް މެދުވެރިކޮށް ވަގުތުން ހުށަހެޅޭނެ އިންތިޒާމުތަކާއި އެކުގައި ކަމަށް އެ އޮފީހުން ވިދާޅުވެފައިވެއެވެ.




