ރާއްޖެއާއި އިންޑިއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަގުފަހިކުރުމުގެ ގޮތުން ދެ ޤައުމުގެ ޚާރިޖީ ވަޒީރުން މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މި މުހިންމު މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ އިންޑިއާގެ ވެރިކަންކުރާ ރަށް ނިއުދިއްލީގައި މިވަގުތު ކުރިއަށްދާ 10 ވަނަ ރައިސީނާ ޑައިލޮގްގެ ތެރެއިންނެވެ.
އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރާއި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ބައްދަލުކުރެއްވި މި ބައްދަލުވުމުގައި، ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރެވިދާނެ ދާއިރާތަކާއި، ދެ ޤައުމަށް މުހިންމު މައްސަލަތަކުގައި އެއްބާރުލުން ދެވިދާނެ ގޮތްތަކާ ބެހޭގޮތުން ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ.
މީގެއިތުރުން، އިންޑިއާގެ އެހީތެރިކަމާއެކު ރާއްޖޭގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ ހާލަތު ހިއްސާކުރެއްވުމާއެކު، ތަރައްޤީގެ ރޮނގުން އިތުރަށް ކުރިއެރުން ހޯދިދާނެ ދާއިރާތަކާ ގުޅޭގޮތުންވެސް ދެ ވަޒީރުން ވަނީ ފުންކޮށް މަޝްވަރާކުރައްވާފައެވެ.
ރައިސީނާ ޑައިލޮގްގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު ޑރ. ޚަލީލް އިންޑިއާއަށް ދަތުރުފުޅު ފެއްޓެވީ މި މަހުގެ 17 ވަނަ ދުވަހުއެވެ. މިއަހަރުގެ ރައިސީނާ ޑައިލޮގް ރަސްމީކޮށް ފައްޓަވައިދެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. މި މުހިންމު ހަފްލާގައި ދުނިޔޭގެ އެކި ޤައުމުތަކުގެ ވަޒީރުންނާއި އިސް ފަރާތްތައް ބައިވެރިވެވަޑައިގެންފައިވާއިރު މި ބައިނަލްއަޤްވާމީ ފޯރަމް ނިމުމަކަށް އަންނާނީ މި މަހުގެ 19 ވަނަ ދުވަހުއެވެ.



