ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭއިރު ހުރިހާ ސްކޫލަކަށް މުދައްރިސުން ހަމަވާނެކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މިކަންހާމަކުރައްވާފައި ވަނީ ދައުލަތުގެ މީޑިއާގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ތަޢުލީމީ ވުޒާރާގެ ޕާމަނަންޓް ސެކްރެޓަރީ ޝިފާޒް މުޙައްމަދު އެވެ.
މި ފެށޭ ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާނީ އަންނަ އޭޕްރީލް މަހުގެ 6 ވަނަ ދުވަހުއެވެ.
ޝިފާޒް ވިދާޅުވީ ތަޢުލީމީ ވުޒާރާއަށް އޮންނަ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބިދޭސީ މުދައްރިސުން ދިރާސީ އަހަރު ނިމި ޗުއްޓީއަށް ދިއުމަށްފަހު ބައެއް މުދައްރިސުން އެނބުރި ނައުންކަމަށެވެ.
އެގޮތުން ޝިފާޒް ވިދާޅުވީ އެ ވުޒާރާގެ ވޯކް ފޯސްގައި މި އަހަރު ނިމުނުއިރު ސްކޫލްތަކުގެ ޓީޗަރުން ތިބީ ހަމައަށް ކަމަށެވެ. އަދި 2025 ވަނަ އަހަރުގެ ދިރާސީ އަހަރު ފެށިގެންދާއިރު ސްކޫލްތައް ހުޅުވޭނީ ހުރިހާ ޓިޗަރުން ހަމަވެގެން ކަމަށް ޕާމަނަންޓް ސެކްރެޓަރީ ޝިފާޒް މުޙައްމަދު ވިދާޅުވިއެވެ.
ޗުއްޓީއަށް ދިއުމަށްފަހު އެނބުރި ނާންނަ މުދައްރިސުންގެ ބަދަލުގައި އެ ވުޒާރާއިން އައު މުދައްރިސުން އަބަދުވެސް ރެކްރޫޓްކުރުމަށް ޚާއްޞަ ބެކަޕް ޓީޗަރުން ތިބޭ ކަމަށްވެސް ޝިފާޒް ވަނީ ހާމަކުރައްވާފައެވެ.
މީގެ އިތުރުން ޝިފާޒް ވިދާޅުވީ ކިޔެވުން ފެށޭއިރު ހުރިހާ ސްކޫލަކަށް މުދައްރިސުންނާއި ހުރިހާ ދަރިވަރުންނަށް ބޭނުންވާ ފޮތްތައްވެސް ހަމަވާނެ ކަމަށެވެ.




