ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހައިކޯޓުގެ އިސް ފަނޑިޔާރު ހުސެއިން ޝަހީދު އައްޔަނު ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
ރާއްޖޭގެ އެންމެ މަތީ ކޯޓު ކަމުގައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމެއް ހުސްވެފައިމިވަނީ އެ މަގާމުގައި ކުރިން ހުންނެވި ފަނޑިޔާރު ހުސްނުއް ސުއޫދު މި މަހުގެ 4 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ހުސްވި މަގާމަށް ދެ ފަހަރު މަތިން އިއުލާންކޮށްގެން ތިން ބޭފުޅަކު ކުރިމަތިލެއްވުމުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ލަފާ ދިނީ ޝަހީދު އައްޔަން ކުރުމަށެވެ. އެހެންކަމުން އެމަނިކުފާނުވަނީ ޝަހީދުގެ ނަން މިދިޔަ ހޯމަ ދުވަހު މަޖިލީހަށް ފޮނުއްވާފައެވެ.
މިކަމާ ގުޅިގެން ރައީސް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވަނީ އިއްޔެގެ މަޖިލިސް ޖަލްސާގައި އިއްވަވާ ދެއްވާފައެވެ.
ރައީސްގެ ސިޓީފުޅު އިއްވަވާ ނިމުމުން، ޝަހީދުގެ ނަން ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުއްވާ ކަމަށް، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާން ކުރެއްވިއެވެ.
އެ ކޮމިޓީން އިއްޔެ ނިންމެވީ ޖޭއެސްސީން ދިރާސާތައް ކޮށްފައިވާތީ އިތުރު ދިރާސާއެއް ކުރުމެއް ނެތި ޝަހީދަށް ރުހުން ދިނުމަށެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ޖުޑިޝަރީ ކޮމިޓީން މައްސަލަ ނިންމި ގޮތުގެ ރިޕޯޓުވަނީ އިއްވާފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ޝަހީދު އައްޔަންކުރަން ފެންނަ ކަމަށް މަޖިލިހުން ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުންގެ އިއްތިފާގުންނެވެ.
ހުސެއިން ޝަހީދަކީ މިވަގުތު ހައިކޯޓުގެ އިސްފަނޑިޔާރުވެސް މެއެވެ. އޭނާ ހައި ކޯޓުގައި ފަނޑިޔާރުކަން ކުރައްވާތާ މިހާރު ހަތް އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.
މީގެއިތުރުން ޝަހީދު ވަނީ އައްޑޫ އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން ވެސް ކުރައްވާފައެވެ. އަދި ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސް މެޖިސްޓްރޭޓްކަމާއި ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގެ އިތުރުން ކްރިމިނަލް ކޯޓުގެ އެސިސްޓެންޓް ލީގަލް އޮފިސަރުކަން ވެސް މީގެކުރިން އޭނާ ކުރައްވާފައިވެއެވެ.




