ރާއްޖޭގެ ޓޫރިޒަމާ ބެހޭ ޤާނޫނުގެ ދަށުން، ޓޫރިޒަމް ޓްރަސްޓް ފަންޑެއް އުފެއްދުމަށް އެ ޤާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށްމި އިސްލާހު ހުށަހަޅާފައި ވަނީ ތިމަރަފުށި ދާއިރާގެ މެންބަރު އަހުމަދު ރިޔާޟް އެވެ.
މި ބިލު 55 މެންބަރުންގެ ވޯޓާއެކު ފާސްވެފައި ވާއިރު ފާސްކުރަން ނުފެންނަ ކަމަށް 7 މެންބަރުން ވަނީ ވޯޓުދެއްވާފައެވެ.
މި އިސްލާހުގައިވާ ގޮތުން ރަށްތަކާއި ސިޓީތަކުގެ ބިނާވެށި ޕްލޭނާއެއްގޮތަށް އެ ރަށެއްގައި ޓޫރިޒަމް ބޭނުމަށް ތަރައްގީކުރެވޭނެ ބިން ކަނޑައަޅާނީ އެރަށެއްގެ ކައުންސިލަކުން ކަމަށް ބުނެފައިވެއެވެ.
ހަމައެހެންމެ ކައުންސިލްތަކުގެ އިޙްތިސާސްގައި ހިމެނޭ ފަޅުރަށްތަކާއި ފަޅުތައް ޓޫރިޒަމްގެ ބޭނުމަށް ތަރައްގީ ކުރެވޭ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައެޅުއްވޭނީ ރައީސުލްޖުމްހޫރިއްޔާއަށް ކަމަށްވެސް އެ އިސްލާހުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކުރަމުންދާ ތަންތަނުގެ ފެންވަރު މަތިކުރުމަށް ބަންދުކުރެވޭނީ ޓޫރިޒަމް މިނިސްޓްރީން އެކުލަވާލާ ގަވާއިދާ އެއްގޮތަށް އެތަނެއްގެ ކުލީގެ އެއްބަސްވުން އިސްލާހުކުރުމަށްފަހު ކަމަށާއި މި އެއްބަސްވުމުގެ މުއްދަތުގައި ރީ-ޑިވެލޮޕް މަސައްކަތް ނުނިމޭނަމަ އެ ފަރާތަކާމެދު ފިޔަވަޅު އެޅުމުގެ އިޙްތިޔާރުވެސް މި އިސްލާހުގެ ދަށުން ޓޫރިޒަމް މިނިސްޓްރީއަށް ލިބޭނެއެވެ.
މި އިސްލާހުގެ ދަށުން އެ ފަންޑުން ޓޫރިޒަމްގެ ވަސީލަތްތައް ތަރައްގީކުރުމަށް އިންވެސްޓްކުރާނެ ކަމަށް ބުނެފައި ވާއިރު ފަންޑަށް ޖަމާކުރެވޭ ފައިސާއިން ޤާނޫނު ހުއްދަކުރާ ގޮތުގެ މަތިން އިންވެސްޓް ކުރެވޭނެ ކަމަށްވެސް އެ އިސްލާހުގައި ވަނީ ބުނެފައެވެ.


