ކުރިއަށް އޮތް ސަރުކާރު ބަންދު ދުވަސްތަކުގައިވެސް އާންމު ރައްޔިތުންނަށާއި ވިޔަފާރިތަކަށް ދެމުންގެންދާ ޚިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއިންނިންމައިފިއެވެ.
ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެޕްރީލް މަހުގެ 6 ވަނަ ދުވަހާ ހަމައަށް ސަރުކާރު ބަންދުކުރުމަށް ދައުލަތުން ކަނޑައަޅާފައިވާއިރު، މި މުއްދަތުގައި، ރަމަޟާން މަހުގެ ފަހު ދިހައިގައި އިކޮނޮމިކް މިނިސްޓްރީން ފޯރުކޮށްދޭ ޚިދުމަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް އެ މިނިސްޓްރީން ވަނީ އިންތިޒާމުތަކެއް ހަމަޖައްސައި އާންމުކޮށްފައެވެ.
އޮގޮތުން އިކޮނޮމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވިގޮތުގައި، ކުރީގައި ޢަމަލުކުރަމުން އައި ފަދައިން، ރަމަޟާން މަހުގެ ފަހު ދިހައިގައިވެސް ވިޔަފާރިއާ ގުޅުންހުރި ޚިދުމަތްތަކަށް އެދި ހުށަހެޅުމުގެ ފުރުޞަތު ވަންގަވް އަދި ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ލިބިގެންދާނެއެވެ. މިގޮތުން ހުށަހެޅޭ ހުށަހެޅުންތައް ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި އެހެން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން 11:30 އަށް ޕްރޮސެސްކުރެވޭނެ ކަމަށާއި މި މުއްދަތުގައި ޚިދުމަތަށް އެދޭ ފަރާތްތައް އިތުރުވެއްޖެނަމަ، ޚިދުމަތް ފޯރުކޮށްދޭ ވަގުތުތަކަށް ބަދަލު ގެނެވިދާނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ވިޔަފާރީގެ ޚިދުމަތްތަކުގެ އިތުރުން، ބޭރުގެ އިންވެސްޓްމަންޓްތަކާ ގުޅޭ ޚިދުމަތްތައްވެސް ބަންދު ދުވަސްތަކުގައި ފޯރުކޮށްދެވޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ. މި ޚިދުމަތް ބޭނުންވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް ގުޅުމަށް އެ މިނިސްޓްރީން އެދިވަޑައިގެންފައިވެއެވެ. މީގެ އިތުރުން، ބޭރުގެ އިންވެސްޓްމަންޓްތަކާ ގުޅޭ މަޢުލޫމާތު ހޯދުމަށް ނުވަތަ ހުށަހަޅާފައިވާ ހުށަހެޅުމަކާ ގުޅޭގޮތުން އޮޅުންފިލުވުމަށް، ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި އެހެން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން 11:30 އަށް މިނިސްޓްރީގެ ނަންބަރަށް ގުޅައިގެން މަޢުލޫމާތު ސާފުކުރެވޭނެކަމަށް އެ މިނިސްޓްރީން ވަނީ އަންގަވާފައެވެ.
އަދި ބޭރުގެ އިންވެސްޓްމަންޓްތަކާ ގުޅޭގޮތުން މަޢުލޫމާތު ހޯދުމަށް ނުވަތަ ޚިދުމަތް ލިބިގަތުމަށް ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް، އީމެއިލް މެދުވެރިކޮށް ގުޅުމުން އޮންލައިންކޮށް ބައްދަލުވުންތައް ބޭއްވުމުގެ އިންތިޒާމު ހަމަޖައްސައިދެވޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އަންގަވާފައެވެ.




