1998 ނޮވެމްބަރު 3 ގައި ޝަހީދުވި ސިފައިންގެ އާއިލާތަކުގެ ކޮންމެ މީހަކަށް ސަރުކާރުން އިނާޔަތް ހަމަަޖައްސައިފިއެވެ.
ޑިފެންސް މިނިސްޓްރީން މިއަދު އާންމުކުރި އުސޫލުގައިވާ ގޮތުން އެ އުސޫލުގެ މަގުސަދަކީ ނޮވެމްބަރު 3، 1988 ގައި ޝަހީދުވެފައިވާ ސިފައިންގެ އާއިލާތަކަށާއި، ސިފައިން ދެއްކި އާދަޔާޚިލާފު ހިތްވަރު ފާހަގަކޮށް، ސިފައިންގެއިން ޝަރަފުގެ ނިޝާން ދީފައިވާ ފަރާތްތަކުގެ ޚިދުމަތުގެ އަގުވަޒަންކޮށް،އެ ފަރާތްތަކަށް މާލީ އިނާޔަތެއް ދިނުމެވެ.
”މިގޮތުން 1988 ނޮވެމްބަރ 03 ވަނަދުވަހުގެ ޢުދުވާނުގައި ހަނގުރާމަކޮށް ޝަހީދުވި ސިފައިންގެ ޢާއިލާތަކަށާއި، އެ ހަނގުރާމައިގައި ދައްކުވައިދެއްވާފައިވާ އާދަޔާޚިލާފް ހިތްވަރާއި ސާބިތުކަމުގެ ސަބަބުން މެޑެލް ފޮރ އެކްސެޕްޝަނަލް ބްރޭވަރީ އަދި މެޑެލް ފޮރ ބްރޭވަރީ ގެ ޝަރަފް އެރުވިފައިވާ ބޭފުޅުންނަށް މި އުސޫލުގެ ތެރެއިން ދެމެހެއްޓެނިވި ގޮތެއްގައި ޚާއްޞަ އެލަވަންސެއް ސަރުކާރުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހަމަޖައްސަވާފަ“ ޑިފެންސް މިނިސްޓްރީން ބުނެފައި ވެއެވެ.
އެގޮތުން އެ ދުވަހުގެ އުދުވާނުގައި ޝަހީދުވި ސިފައިންގެ އާއިލާގެ މެމްބަރުންގެ ތެރެއިން މައިންބަފައިންނާއި ދަރިން އަދި ހުވަފަތް އަނބިން ކުރެ ކޮންމެ މީހަކަށް މަހަކު 9،000ރ. ގެ އިނާޔަތެއް ހަމަަޖައްސާފައި ވާއިރު އެ ދުވަހު ދެއްކި ހިތްވަރަށް ހުރަވީ ރަން މެޑަލް ލިބިފައިވާ މީހުންނަށް މަހަކު 9،000ރ. ގެ އިނާޔަތެއް ދޭން ހަމަޖެހިފައިވާކަމަށް ޑިފެންސް މިނިސްޓްރީން އާންމުކުރި އުސޫލުގައި ބުނެފައި ވެއެވެ.
ހަމައެހެންމެ ހުރަވީ ރިހި މެޑަލް ލިބިފައިވާ މީހުންނަށް މަހަކު 8،000ރ. ގެ އިނާޔަތެއް ހަމަަޖައްސާފައި ވާއިރު ހިތްވަރު ގަދަކަމުގެ ކުލަ ލިބިފައިވާ މީހުންނަށް މަހަކު 6،000ރ. ގެ އިނާޔަތެއް ދޭނެ ކަމަށްވެސް އެ އުސޫލުގައި ބުނެފައި ވެއެވެ.
ޑިފެންސް މިނިސްޓްރީން އާންމުކުރި އުސޫލުގައި ބުނީ މި އިނާޔަތް ލިބޭ މީހަކު ނިޔާވެއްޖެ ނަމަ އެ އިނާޔަތް ދިނުން ނިމުމަކަށް އަންނާނެ ކަމަށެވެ.



