4 ރަށެއްގައި ކުނިމެނޭޖްކުރާ މަރުކަޒުތައް ހެދުމަށް ތިމާވެއްޓާބެހޭ ވުޒާރާއިން ސަނީލޭންޑް އިންވެސްޓްމަންޓާ ހަވާލުކޮށްފިއެވެ.
ކުނި މެނޭޖުކުރާ މަރުކަޒު ހަދަން އެ ކުންފުންޏާއި ހަވާލުކޮށްފައިވާ 4 ރަށަކީ އއ. ހިމަންދޫ، އއ. ފެރިދޫ، އއ. ތޮއްޑޫ އަދި ކ. ކާށިދޫ އެވެ.
މި މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިގް އިބްރާހިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމު ޤާއިމްކުރުން ކަމަށެވެ.
”ލަސްނުކޮށް ކުނި މެނޭޖްކުރުމަށް ބޭނުންވާ ވަސީލަތްތައް ރަށްރަށަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރައްވާނަން“ ޠާރިގް ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ކުނިމެނޭޖްކުރާ މަރުކަޒުތައް ޤާއިމްކުރާ ރަށްރަށުގެ ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުންދޭން މިނިސްޓަރު ޠާރިގު ވަނީ އެދިލައްވާފައެވެ.
މި އެއްބަސްވުމުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޠާރިގް އިބްރާހީމް އެވެ.



