އައްޑޫސިޓީ މީދޫ މަތިކިޅީގެ ބޮޑު ސަރަހައްދެއްގައި ރޯވެ އަނދަމުން އެބަދެއެވެ.
މީދޫ ކައުސިލަރު އައިމިނަތު ޞާލިހާ ”ސައުވީސް“ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މަތިކިޅީގެ ބޮޑު ސަރަހައްދެއްގައި ރޯވި އަލިފާންގަނޑު އަދިވެސް ނިއްވާ ނުލެވޭ ކަމަށެވެ.
މި ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 11:45 ހާއިރު ކަމަށާއި މައުލޫމާތު ލިބުމާއެކު އެރަށުގައި ތިބި އިންޑިއާ މީހުންނާއި މީދޫ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާވިސްގެ ބޭފުޅުންނާއެކު އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ކަމަށް ޞާލިހާ ވިދާޅުވިއެވެ.
”އަލިފާން ނިއްވުމުގައި ހެނދުނުން ފެށިގެން ހަރަކާތްތެރިވަމުން މިގެންދަނީ. އެހެން ނަމަވެސް ވަރަށް ބޮޑު ސަރަހައްދެއްވީމަ (82 ހެކްޓަރުގެ ސަރަހައްދެއް މިއީ) ކޮންޓަރޯލެއް ނުވި އަޅުގަނޑުމެންނަކަށް. އެބޭފުޅުންވެސް ރޯދައަށް ތިބުމާއެކީ ވަރަށް ވަރުބަލިވެފަ ޑީހައިޑްރޭޓްވެފަ ތިބުމާއެކު ހަވީރު ގަޑީގައި އެމީހުންނަށް ކެތް ނުވެގެން މަސައްކަތް ހުއްޓާލީ“ ޞާލިހާ ވިދާޅުވިއެވެ.
މީގެއިތުރުން ޞާލިހާ ވިދާޅުވީ އެއިރު ކޮންމެވެސް ވަރަކަށް ކޮންޓްރޯލު ވެފައިވާ ކަމަށާއި އެހެންނަމަވެސް އެއްކޮށް ކޮންޓްރޯލު ނުވެ ހުރުމުންނާއި އަލިފާން ނިއްވުމުގައި މީހުން މަދުވުމުގެ ސަބަބުން ގަމުގެ ފަޔަރ ސްޓޭޝަނަށް ރިޕޯޓު ކުރެއްވި ކަމަށް ޞާލިހާ ވިދާޅުވިއެވެ.
”ގަމުގެ ކޮމާންޑަރުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބެމުންދަނީ. އެކޮޅުން ފަޔަރ ގެ އޮފިޝަލުންތަކެއް ފުރައިގެން މިހާރު މީދޫއަށް އައިސް އަލިފާން ނިއްވާލުމުގައި ހަރަކާތްތެރިވަމުން ދަނީ“ ޞާހިހާ ވިދާޅުވިއެވެ.
ޞާލިހާ ވިދާޅުވީ މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށާއި ނަމަވެސް ބޮޑު ސަރަހައްދެއްގައި ރޯވެފައިވުމުން އެސަރަހައްދުގައި ދުމުގެ އަސަރު ވަރަށް ބޮޑަށް ހުރި ކަމަށެވެ. އެހެންކަމުން އާންމުން އެ ސަރަހައްދަށް ނުދިޔުމަށް އަންގާފައިވާ ކަމަށް ވެސް ޞާލިހާ ވިދާޅުވިއެވެ.
މަތިކިޅީގެ މީދޫއަށްވާ ބައިގެ ބޮޑު ސަރަހައްދެއްގައި އަލިފާންގަނޑު ރޯވެފައިވާ ކަމަށާއި ނަމަވެސް ހުޅުދޫގެ ބައެއްގައި ވެސް ރޯވެފައިވާ ކަމަށް ޞާލިހާ ވިދާޅުވިއެވެ. އަދި މި ހާދިސާ މެދުވެރިވާން ޖެހުނު ސަބަބު ދެނެގަތުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމުގައި އޭނާ ވިދާޅުވިއެވެ.


