”ބައިނަލްއަޤްވާމީ އުފާވެރިކަމުގެ ދުވަސް“ ގިނަ ބަޔަކަށް އުފާވެރިކަން ގެނުވައިދޭ ފަދަ ގޮތަކަށް، ފާހަގަކުރުމުގެ ޙަރަކާތްތައް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްގެ ޑެޕިޔުޓީ މިނިސްޓަރ އާމިނަތު ނަމްޒާ ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ އުފާވެރިކަމުގެ ދުވަހަކީ މާރިޗު މަހުގެ 20 ވަނަ ދުވަހެވެ.
ބައިނަލްއަޤްވާމީ އުފާވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ލޯކަލް ގަވަރމަންޓް މިނިސްޓްރީން މިއަދާއި، މާދަމާ މާލޭގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޙަރަކާތްތަކުގެ ތެރޭގައި، ގިފްޓް ޕެކް ޙަވާލުކުރުމާއި، ދުވަހާ ގުޅޭ ކާޑު ބެހުމާއި، މާ ހަދިޔާކުރުން ހިމެނޭކަމަށް ނަމްޒާ ވިދާޅުވިއެވެ.
”ދުވަހުގެ ތަހުނިޔާ ފޮނުވުމާއި، އަދި ޓީވީއެމުން މިހާރު ލޯންޗްކޮށްފައިވާ ”ހިތްހެޔޮކަމުން އުފާވެރިކަން“ މި ކެމްޕޭނުގެ ދަށުން ހިތްހެޔޮކަމާއި، އޯގާތެރިކަމުން އުފާވެރިކަން ގެނުވައިދޭ ފަދަ ވީޑިޔޯ ފޮނުވުމުގެ ޙަރަކާތެއް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައި“ ނަމްޒާ ވިދާޅުވިއެވެ.
މި ދުވަސް، ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރުމުގެ މަޤްޞަދަކީ ދުވަހުގެ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ގޮތުން ފަރުދީ ފެންވަރުގައާއި، މުއައްސަސާތަކުގެ ފެންވަރުގައާއި، މުޖުތަމަޢުގެ ފެންވަރުގައި އަނެކުންނަށް އެހީތެރިވެ، އޯގާތެރިވުމުގެ ގޮތުން ކޮންމެވެސް ކަމެއް ކޮށްލަ ދިނުންކަމަށް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް މިނިސްޓްރީން ހާމަކުރެއެވެ.
މި އަހަރުގެ ”ބައިނަލްއަޤްވާމީ އުފާވެރިކަމުގެ ދުވަސް“ ފާހަގަ ކުރެވެނީ ހެޕިނަސް އިންޑެކްޝަންގެ ޕާޓްނަރުން ކަމުގައިވާ ޕީއެސްއެމާއި، ދިރާގުގެ އިތުރުން މޯލްޑިވްސް ޕޮލިހާއި، އުރީދޫ މޯލްޑިވްސްއާއި، ވީބީ މާރޓް އަދި ހެޔޮއެދޭ ބައެއް ފަރާތްތަކުގެ އެހީތެރިކަމާއެކުގައެވެ.




