ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިއްސާއަކަށް 55 ރުފިޔާގެ މަގުން ޖުމުލަ 296 މިލިއަން ރުފިޔާ ބެހުމަށް އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް ނިންމައިފިއެވެ.
މިއީ މިހާތަނަށް އެންމެ ބޮޑު އަދަދެއްގެ ހިއްސާގެ ފައިދާ ބެހުމަށް ނިންމައިފައިވާ ފަހަރެވެ.
ބީއެމްއެލްގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި ވިޔަފާރީގެ މައިގަނޑު ދާއިރާތަކުން ލިބުން ކުރިއެރުމާއިއެކު ބޭންކަށް ހިންގުމުގެ ފައިދާގެ ގޮތުގައި 2.85 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ސާފު ފައިދާގެ ގޮތުގައި 2.24 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ބޭންކުގެ މާލީ ހާލަތު ވަރަށް ހަރުދަނާކަމަށް ދައްކުވައިދޭ އެއް ކަމަކީ ކެޕިޓަލް އެޑިކުއަސީ ރޭޝިއޯގެ ނިސްބަތް 58 އިންސައްތައިގައި ހުރުމެވެ. މީގެ އިތުރުން ދިވެހި ރުފިޔާއާއި ޑޮލަރުގެ ލިކުއިޑިޓީވެސް ރަނގަޅު މިންގަނޑެއްގައި ހިފެހެއްޓިފައިވާކަން ބޭންކުން ފާހަގަކޮށްފައިވެއެވެ.
2024 ވަނަ އަހަރު ބީއެމްއެލްއަށް 21،000 އަށްވުރެ ގިނަ އާ ކަސްޓަމަރުން އިތުރުވެފައިވާކަމަށް ބުނެ، މިއީ ބޭންކަށް އާންމުން ކުރާ އިތުބާރުގެ ހެއްކެއްކަމަށް ބޭންކުން ބުނެފައިވެއެވެ. އަދި މިދިޔަ އަހަރު އަލަށް ލޯނާއި ފައިނޭންސިންގގެ ގޮތުގައި 5 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށްވެސް ބޭންކުން ވަނީ ހާމަކޮށްފައެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ މި ކާމިޔާބީ ހާސިލުކުރެވުނީ ބޭންކުގެ ރަނގަޅު ސްޓްރެޓެޖީއާއި މުވައްޒަފުންގެ ބުރަ މަސައްކަތުންކަމަށެވެ. އަދި މިހާ ބޮޑު އަދަދެއްގެ ހިއްސާގެ ފައިދާ ބެހުމަށް ނިންމުމުން ދޭހަވަނީ ހިއްސާދާރުންނަށް ފައިދާ ހޯދައިދިނުމަށް ބޭންކުން ދޭ އިސްކަމެވެ.
ބީއެމްއެލްއިން ފާހަގަކޮށްފައިވާ ގޮތުގައި، އެ ބޭންކުގެ ފައިދާއިން 25 އިންސައްތައިގެ ޓެކުހުގެ ގޮތުގައި ވަނީ ދައުލަތަށް ދައްކާފައެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރަމުން ދިއުމަށާއި، ކަސްޓަމަރުންނަށް ދޭ ޚިދުމަތްތައް އިތުރަށް ރަނގަޅުކުރުމަށް މަސައްކަތްކުރާނެކަމަށް ބޭންކުން ބުނެފައިވެއެވެ.



