އުކާލެވޭތަކެތި ބޭނުންކޮށްގެން އުފައްދާ އެއްޗަކުން 6،000 ރުފިޔާ ލިބުމުގެ ފުރުސަތު ހިމެނޭ މުބާރާތެއް މާލެސިޓީ ކައުސިލުން ފަށައިފިއެވެ.
ސިޓީ ކައުންސިލުން ބުނީ މިއީ ތިމާވެށި ރައްކާތެރިކުރުމުގެ މުހިންމުކަމަށް ވިސްނައިގެން ފަށާފައިވާ މުބާރާތެއް ކަމަށާއި މިއީ ރާއްޖޭގައި ޓިކްޓޮކް އުފައްދާ ފަރާތްތަކަށް ޚާއްސަ ކުރެވިފައިވާ މުބާރާތެއް ކަމަށެވެ.
ދުނިޔޭގެ ”ރިސައިކްލިންގް ދުވަސް“ ފާހަގަ ކުރުމުގެ ގޮތުން ފެށި މި މުބާރާތަކީ ހަފްތާއެއް ވަންދެން ކުރިއަށްދާ މުބާރާތެއް ކަމުގައި ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
އެގޮތުން މި މުބާރާތުގައި ބައިވެރިވުމަށް:
° އުކާލެވޭތަކެތި ބޭނުންކޮށްގެން އަމިއްލަވަންތަ ތަފާތު އުފެއްދުމެއް އުފައްދަން ޖެހެއެވެ.
° އުފައްދާފައިވާ ޕްރޮޖެކްޓު ދައްކާލާ 5 މިނެޓުގެ ވީޑިއޯއެއް ވެސް ރިކޯޑު ކުރަންޖެހެއެވެ.
° އެ ވީޑިއޯ ޓިކްޓޮކްގައި ރިކޯޑު ކުރުމަށްފަހު، ޖަހާލުމަށްފަހު ޕޯސްޓު ކޮށްލާށެވެ.

ޕޯސްޓު ކުރާ ވީޑިއޯއަށް ވީހާވެސް ގިނަ ޝެއާސް ހޯދަން ވާނެ ކަމަށާއި މުބާރާތުން ވަނަވަނައަށްދާ ފަރާތްތަށް ހޮވާނީ ޝެއާ ކޮށްފައިވާ އަދަދަށް ބެލުމަށްފަހު ކަމުގައި ވެސް މާލެސިޓީ ކައުންސިލުން ބުނެފައިވެއެވެ.
މި މުބާރާތުން ތިންވަނައަށްދާ ފަރާތަކަށް 2،000 ރުފިޔާ، ދެވަނައަށްދާ ފަރާތަކަށް 4،000 ރުފިޔާ އަދި އެއްވަނައަށްދާ ފަރާތަކަށް 6،000 ރުފިޔާ ލިބޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
މި މުބާރާތުގެ ސުންގަޑިއަކީ މިމަހުގެ 25 ވަނަ ދުވަހުގެ 00:00 އެވެ.




