ރަށްރަށުގައި އިމާރާތްކުރަމުން އަންނަ ކައުންސިލް އިމާރާތްތަކުގެ މަސައްކަތް ކުރިއަށްދާގޮތް ބެލުމަަށް ކޮންމެ ރަށަކުންވެސް އެ ރަށެއްގެ ރައްޔިތުން ހިމެނޭގޮތަށް މޮނިޓަރިން ކޮމިޓީއެއް އެކުލަވާލަން ނިންމައިފިއެވެ.
މިކަންހާމަކުރައްވާފައި ވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ މުވައްޒަފުންނަށް ޚާއްސަކޮށްގެން ބޭއްވި ތަރާވީހުގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން އެޅުމަށް ހަމަޖެހިފައިވާ، 55 ކައުންސިލް އިދާރާގެ ތެރެއިން މިހާރު ބިންގާ އެޅިފައިވާ 13 ތަނުގެ ސިވިލް ވާރކް މަސައްކަތްތައް ފެށުމާ ގުޅޭ ގޮތުން ބަދަލުކުރަންޖެހޭ ލިޔުންތައް އެ ފަރާތްތަކަށް މިހާރު ފޮނުވަން ފަށައިފައިވާ ކަމަށެވެ.
”އެ ތަންތަނުގެ މަސައްކަތް ކުރާނެ ފަރާތެއް ކައުންސިލްތައް މެދުވެރިކޮށް ހޯދުމަށް ފަހު، ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ، މި 55 ކައުންސިލްގެ މަސައްކަތްތައް ކުރިއަށް އޮތް ދެ އަހަރާއި ބައިގެ ތެރޭގައި ނިމޭނެ“ މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ 55 ކައުންސިލް މަޝްރޫޢުގެ މަސައްކަތް ކައުންސިލްތައް މެދުވެރިކޮށް އެ ރަށަކުން ބަޔަކު ހޯދާ، މަސައްކަތްކުރުމުގެ ޙަޤީޤީ ބޭނުމަކީީ، އެ ކަންކަމުގައި ކައުންސިލްތަކުގެ ބައިވެރިވުން އިތުރުކޮށް، އެ ރަށެއްގެ ރައްޔިތުންނަށް އިޤްތިޞާދީ މަންފާ ހޯދައިދިނުމަށް ކަމަށެވެ.
”އެ މަސައްކަތްކުރެވޭ އިރު ރަށު ފެންވަރުގައި އެކުލަވައިލެވިފައި އޮންނަ މޮނިޓަރިން ކޮމިޓީއެއް ވެސް އެ ރަށްރަށުގައި އޮންނާނެ“ މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ރޭގެ އިވެންޓުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ހއ، ހދ އަދި ށ. އަތޮޅުގައި ހަދާފައިވާ ފެރީ ޓާމިނަލްތަކާއި، ސްޕޮޓްތައް ކައުންސިލްތަކާ ޙަވާލުކުރުމަށް މިނިސްޓްރީއާ، ކައުންސިލްތަކާ ދެމެދު ވެވޭ ފަހުމުނާމާތައް މިހާރު ފޮނުވާފައިވާ ކަމަށެވެ.




