އިންޑިއާގެ އެންމެ މަޝްހޫރު އެއް ކްރިކެޓް ޓީމުކަމުގައިވާ މުމްބާއި އިންޑިއަންސްގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރުގެ ގޮތުގައި ރާއްޖެ ހަމަޖައްސައިފިއެވެ.
މިކަމާ ބެހޭގޮތުން މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) އިން ބުނީ މިއީ ވިޒިޓް މޯލްޑިވްސްއިން އިންޑިއާއަށް އަމާޒުކޮށްގެން ހެދި މިފަދަ ފުރަތަމަ ޕާޓްނާޝިޕް ކަމަށާއި މި ޕާޓްނާޝިޕްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އެންމެ މުހިންމު އެއް މާކެޓުގައި ރާއްޖޭގެ މަގާމު އިތުރަށް ހަރުދަނާވެގެން ދާނެކަމަށެވެ.
މީގެއިތުރުން ކްރިކެޓަކީ ޑިސްޕޯސަބަލް އިންކަމް ބޮޑު އޯޑިއަންސްއެއް ލިބިފައިވާ ކުޅިވަރެއްކަމުން މި ޕާޓްނާޝިޕަކީ އިންޑިއާގެ އިތުރުން ބައިނަލްއަގްވާމީ ފަތުރުވެރީންގެ މެދުގައި ރާއްޖޭގެ ބްރޭންޑް ހަރުދަނާކުރުމަށް އަޅާ ފިޔަވަޅެއް ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.
އެމްއެމްޕީއާރްސީން އިތުރަށް ބުނީ، ފަސް އަހަރު ދުވަހު ޗެމްޕިއަންކަން ހޯދާފައިވާ މުމްބާއީ އިންޑިއަންސްއަކީ އިންޑިއާގެ އެންމެ ކާމިޔާބު އަދި އެންމެ އަގުހުރި ފަރެންޗައިޒް ކްރިކެޓް ޓީމު ކަމަށްވާއިރު، އިންޑިއާއަކީ ރާއްޖޭގެ ޓޮޕް ސޯސް މާކެޓަށްވުމުން މި ޕާޓްނާޝިޕަކީ އިންޑިއާއިން އަންނަ ފަތުރުވެރީންގެ އަދަދު އިތުރުކޮށް އިންޑިއާގެ އެކި ސިޓީތަކުން ފަތުރުވެރިން އިތުރުކުރަން އުފެއްދޭނެ ޕާޓްނާޝިޕެއް ކަމަށެވެ.
މި އަހަރު އިންޑިއާއިން 200،000 ފަތުރުވެރީން ގެނައުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވުމަށް ވެސް މި އެއްބަސްވުން ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށާއި މި ޕާޓްނާޝިޕްގެ ތެރެއިން ޑިޖިޓަލް ޕްރޮމޯޝަންތަކާއި އޮންގްރައުންޑް އެކްޓިވޭޝަންތަކާއި ރާއްޖެއަކީ އެންމެ މަގުބޫލު ލަގްޒަރީ ޓްރެވަލް މަންޒިލްގެ ގޮތުގައި ޝައުގުވެރި ކެމްޕޭންތަކެއް ފަށާނެ ކަމަށް ވެސް އެމްއެމްޕީއާރުސީން ބުންޏެވެ.


