ޕްރައިވެޓް އިންޝުއަރެންސް އޮންނަނަމަ އާސަންދަ ނުދޭން ނިންމި ނިންމުން ބަދަލުކުރުމަށްފަހު،ޕްރައިވެޓް އިންޝުއަރެންސާއެކު އާސަންދަ ލިބޭ ގޮތަށް އަލުން ހަމަޖައްސައިފިއެވެ.
އާސަންދަ ކުންފުނިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޕްރައިވެޓް އިންޝުއަރެންސް އޮންނަ ފަރާތްތަކުން ޚިދުމަތް ހޯދާއިރު ކުރިއެކޭ އެއްގޮތަށް އެންމެ ފުރަތަމަ ޗާޖްކުރާނީ އިންޝުއަރެންސް ޕްލޭނުން ފޯރުކޮށްދޭ މިންވަރަށް ކަމަށެވެ.
އަދި އެ ޕްލޭނުން ކަވަރުކުރާ މިންވަރަށް ވުރެ އިތުރުވާ އަދަދު، އާސަންދައިގެ ލިމިޓުގެ ތެރެއިން ފޯރުކޮށްދޭނެ ކަމަށާއި މި ބަދަލަކީ އާސަންދަ ސްކީމް ރިފޯމްކުރުމުގެ މަސައްކަތުގެ ތެރެއިން ތަންފީޒު ކުރެވޭ ބަދަލެއް ކަމުގައިވެސް އެ ނޫސް ބަޔާނުގައި ބުނެފައި ވެއެވެ.
ހަމައެހެންމެ ޕްރައިވެޓް އިންޝުއަރެންސް އޮންނަ ފަރާތްތަކަށް އެނދުމަތިނުވެ ހޯދާ ސިއްހީ ޚިދުމަތްތަކަށް ”އައުޓް-ޕޭޝަންޓް“ ގެ ހިދުމަތްތައް ފުރަތަމަ ޕްރައިވެޓް އިންޝުއަރެންސް ބޭނުންކުރުމާއެކު، އާސަންދަ ސްކީމުން އެ ޚިދުމަތަކަށް ކަނޑައަޅާފައިވާ އަދަދު ވެސް އެކުއެކީ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އާސަންދައިގެ ނިޒާމުތަކަށާއި އިންޓަގްރޭޓް ކޮށްގެން ޚިދުމަތްދޭ އަމިއްލަ މަރުކަޒުތަކުގެ ސިސްޓަމަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން މި އުސޫލުން އިއްޔެއިން ފެށިގެން ހިދުމަތް ފޯރުކޮށްދޭން ފަށާފައިވާ ކަމަށާއި ގެނެވުނު ބަދަލާއެކު ޑޮކްޓަރަށް ދެއްކުމަށް ނަގާ ކޮންސަލްޓޭޝަން ފީ އުސޫލާ އެއްގޮތަށް ތަންފީޒު ކުރެވޭނެ ކަމަށްވެސް އެ ކުންފުނިން ހާމަކުރެއެވެ. އަދި ”އައުޓް-ޕޭޝަންޓް“ އެހެނިހެން ހިދުމަތްތަަކަށް މި އުސޫލުން އަމަލުކުރަން ފަށާނީ 27 މާރިޗު 2025 އިން ފެށިގެން ކަމަށްވެސް އާސަންދައިން ބުނެފައި ވެއެވެ.



