ރަމަޟާންމަހުގެ ފަހު 10 ގައި ގްރޭޓަރ މާލޭ ސަރަޙައްދުގައި ބަހުގެ ޚިދުމަތްދޭ ގަޑިތައް އިތުރުކުރަން އެމްޓީސީސީން ނިންމައިފިއެވެ.
އެގޮތުން އެމްޓީސީސީން ބުނީ އެކުންފުނިން މާލެއާއި، ހުޅުމާލެއާ ދެމެދު، އަދި މާލެތެރޭގައި ފޯރުކޮށްދެމުންދާ އާރްޓީއެލް ބަހުގެ ޚިދުމަތް ރަމަޟާންމަހުގެ ފަހު 10ގެ ރޭތަކުގައި ދަތުރުވެރިންނަށް އިތުރު ފުރިހަމަކަމަކާއެކު ދިނުމަށްޓަކާ މިރެއިން ފެށިގެން މި ޚިދުމަތްދޭ ގަޑިތައް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.
މި ނިންމުމާއެކު މާލެއާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާ R7 ،R6 ،R2 ،R1 އަދި R8 ގެ ދަތުރުތަކާއި، މާލެތެރޭގައި ދަތުރުކުރާ R10 އަދި R11 ގެ ދަތުރުތަކުގެ ޚިދުމަތް 2:00 އާއި ހަމަޔަށް ދަތުރުކުރާނެއެވެ. މީގެ ކުރިން ބަސްދަތުރުތައް ކުރަމުން ދިޔައީ މެންދަމު 12:00 އާ ހަމައަށެވެ.
އެމްޓީސީސީން ބުނީ، މި ބަދަލުތަކަކީ ރަމަޟާންމަސް ފެށުނީއްސުރެ ދަތުރުވެރިން އެންމެ ގިނައިން ބަހުގެ ޚިދުމަތް ބޭނުންކުރާ ގަޑިތަކާއި މިންވަރަށް ބަލައި، އާންމުންގެ ޚިޔާލުތަކަށް ރިޢާޔަތްކޮށް ގެނެސްފައިވާ ބަދަލުތަކެއްކަމަށެވެ.
އަދި މި ބަދަލުތަކާގުޅިގެން އެކުންފުނީގެ އުއްމީދަކީ މާތްވެގެންވާ ރަމަޟާންމަހުގެ ފަހު 10 ގެ ރޭތަކުގައި ބަހުގެެ ޚިދުމަތް ހޯދާ ރައްޔިތުންނަށް އިތުރު ލުއިފަސޭހަކަމެއް ލިބިގެންދިޔުން ކަމުގައިވެސް އެ ކުންފުނިން ބުނެފައިވެއެވެ.




