އޯގާތެރިކަމާއި އެހީތެރިކަމުގައި ދިވެހިންނަކީ ލާމަސީލު ނަމޫނާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުން އަންނަ ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހަށް މި އަހަރު ކަނޑައަޅާފައިވާ ތީމް އަކީ ”އިމްޕްރޫވް އަވަރ ސަޕޯޓް ސިސްޓަމްސް“ މި ޝިއާރެވެ.
ރައީސްގެ ޕޯސްޓުގައި ވިދާޅުވީ އޯގާތެރިކަމާއި އެހީތެރިކަމުގައި ދިވެހިންނަކީ ލާމަސީލު ނަމޫނާއެއް ކަމަށެވެ.
”މުޖުތަމައުގައި ޚާއްސަ އަޅަލައިލުމާއި ލޯބި ބޭނުންވާ ހަމަ ކޮންމެ ކުއްޖަކާ އާއިލާއަކަށް ހޭހަންކޮށްދިނުމުގައި ވެސް ސަރުކާރާ ރައްޔިތުން މަސައްކަތް ކުރާނީ އަތުގުޅައިގެން“ ރައީސް ވިދާޅުވިއެވެ.
ޑައުން ސިންޑްރޯމް ދުވަސް ފާހަގަ ކުރުމުގެ މައިގަނޑު ބޭނުމަކީ މި ނުކުޅެދުންތެރިކަމާއި މެދު އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށާއި މުުޖުތަމަޢުގައި ޑައުން ސިންޑްރޯމް ހުންނަ ފަރާތްތަކުގެ ޝާމިލުވުން އިތުރުކޮށް ކުރިއެރުވުމަށެވެ.
ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަސް (ޑަބްލިއު.ޑީ.އެސް.ޑީ) ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް މާރޗް މަހުގެ 21 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރަން ފަށާފައި ވަނީ 2006 ވަނަ އަހަރުގެ މާރޗް މަހުގެ 21 ވަނަ ދުވަހުން ފެށިގެންނެވެ.
ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ކޮންމެ އަހަރަކު އުފަންވާ ކުދިންގެ ތެރެއިން ގާތްގަނޑަކަށް 6،000 ކުދިންނަށް ޑައުންސިންޑްރޯމްގެ އަސަރު ކުރެއެވެ.



