ދެ ކިލޯގެ ޑްރަގާއެކު މާލެއިން ހައްޔަރުކުރި ތިން މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް އެ ތަކެތި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވަނީ ދިވެހި ތިން ފިރިހެނުންނެވެ. އެއީ 39 އަހަރުގެ ފިރިހެނަކާއި 46 އަހަރުގެ ފިރިހެނަކާއި 35 އަހަރުގެ ފިރިހެނެކެވެ.
އެ ތިން މީހުން ބަންދުކުރުމަށް ކޯޓުން ނެރުނު އަމުރުގައި ބުނީ މި މަސްތުވާތަކެތި ފެނިފައި ވަނީ އެ ތިން މީހުން ތިބި ގެއަކުން ކަމަށާއި މައްސަލައިގައި ހިމެނޭ އެކަކު މަސްތުވާތަކެއްޗަށް ފައްސިވެފައިވާ ކަމަށެވެ.
އަދި އެ ތަކެތީގެ ބަރުދަނުގައި 2 ކިލޯ ހުރި ކަމަށްވެސް ބަންދު އަމުރުގައި ބުނެފައި ވެއެވެ. މިގޮތުން މި މައްސަލައިގައި އެކި ބާވްތަތަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށްވެސް ބަންދު އަމުރުގައި ބުނެފައި ވެއެވެ.
އެހެންކަމުން ކްރިމިނަލް ކޯޓުން ވަނީ އެ ތިން މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.




