ކަނޑުމަގުން ރާއްޖެ އެތެރެކުރި 7 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ، 10 ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކުން އެނގޭ ގޮތުގައި އެމީހުން ހައްޔަރު ކޮށްފައިވަނީ އިއްޔެއެވެ. ނަމަވެސް އެއީ ކޮން ޤައުމެއްގެ ބޯޓެއްކަން އެ އަމުރުގައި އެނގޭކަށް ނެތެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރު ކޮށްފައިވަނީ އިންޑިއާގެ 7 މީހަކާއި އިންޑޮނޭޝިއާގެ ތިން މީހެކެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭގެތެރެއިން 5 މީހުންގެ ބަންދަށް އެއް ދުވަސް ޖަހާފައިވެއެވެ. ބާކީ ތިބި 5 މީހުންގެ ބަންދަށް ޖަހާފައިވަނީ 5 ދުވަހެވެ.
މިކަމާ ގުޅޭގޮތުން އިތުރު ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.
މިދުވަސްކޮޅު ރާއްޖޭގައި އަނެއްކާވެސް ޑްރަގްގެ މައްސަލަތަށް އަންނަނީ އިތުރުވަމުންނެވެ.
އެގޮތުން މިމަހުގެ 20 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 1.5 ކިލޯގެ މަސްތުވާތަކެއްޗާ އެކު މާލެއިން 3 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި އުމުރުން 35 އަހަރުގެ އަންހެނެއް ވެސް ހިމެނެއެވެ.
މީގެއިތުރުން ހަމަ އެދުވަހު ހިންގި އޮޕަރޭޝަނެއްގައި ދެ ކިލޯގެ ޑްރަގާއެކު މާލެއިން އިތުރު ތިން މީހަކު ހައްޔަރުކޮށްފައިވެއެވެ. އެއީ ތިން ފިރިހެނުންނެވެ.



