ފުލުހުންނާ ހުތުރުބަހުން ވާހަކަ ދެއްކުމުން، މަސްތުވާތަކެތި ބޭނުން ކޮށްފައި ހުރިކަމަށް ޝައްކުކޮށް މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅޭގޮތުން ކްރިމިނަލް ކޯޓުން އިއްޔެ އާންމުކުރި އަމުރެއްގައި ބުނެފައިވަނީ، މަސްތުވާތަކެތި ގެންގުޅެ ބޭނުންކުރާ ކަމުގެ ތުހުމަތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގއ. މާމެންދޫ އަށް ނިސްބަތްވާ 26 އަހަރުގެ ފިރިހެނެއް ކަމަށެވެ.
ފުލުހުން އެމީހާ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ފެނިފައި ނުވާ ކަމަށް ވެސް ކޯޓުގެ އެ އަމުރުގައި ބަޔާންކޮށްފައިވެއެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު ނެރުއްވި އެ އަމުރުގައި އިތުރަށް ބުނެފައިވަނީ، ފުލުހުން ފެނުމުން އޭނާ އަޑުގަދަކޮށް ހަޑިހުތުރު ބަހުން ވާހަކަ ދައްކާފައިވުމަކީ މަސްތުވާތަކެތި ބޭނުންކޮށްގެން ހުރިކަމަށް ބެލެވޭނެ ފަދަ އެކަށީގެންވާ ސަބަބެއް ނޫން ކަމަށެވެ.
އަދި ފުލުހުންނާ ހުތުރު ބަހުން ވާހަކަ ދައްކާ ކޮންމެ މީހަކީ މަސްތުވާތަކެތި ބޭނުންކޮށްގެން ހުރި މީހެއް ކަމަށް ފުލުހުން ދެކޭނަމަ އެކަމުގެ ސަބަބުން އާބިޓްރަރީކޮށް މީހަކު ހައްޔަރުކުރުމަށް ހުޅުވޭ މަގެއްކަމުގައި ނޫނީ މިކަން ނުވާނެ ކަމުގައި ވެސް އެ އަމުރުގައި ބަޔާންކޮށްފައިވެއެވެ.
ފުލުހުން އޭނާ ހައްޔަރު ކޮށްފައިވަނީ އޭނާ ކުށެއް ކުރަމުންދާ ކަމަށް ބެލެވޭފަދަ އެކަށީގެންވާ ސަބަބެއް މައްޗަށް ކަމުގައިނުވާތީ ކަމަށްބުނެ ކޯޓުން ވަނީ އެމީހާ ދޫކޮށްލާފައެވެ.



