އުފެއްދުންތެރިކަމުގެ މައުރަޒުގައި ބޭނުން އަދަދަކަށް ތަކެތި ބައިވެރިކުރެވޭގޮތަށް އިތުރު ފަހި ފުރުސަތުތަކެއް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ހަމަޖައްސައިފިއެވެ.
މިއަހަރުގެ މެއި މަހުގެ 23 އިން 30 އަށް، ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މައުރަޒުގައި ބައިވެރިވާ ކޮންމެ ފަރާތަކަށް، ބައިވެރިކުރެވެނީ 15 ބާވަތެއްގެ އުފެއްދުންތަކެކެވެ.
ނަމަވެސް މިހާރު ބޭނުން އަދަދަކަށް ތަކެތި ބައިވެރިކުރެވޭނެ ގޮތް ހަދައި، އުސޫލަށް ބަދަލު ގެނެސްފައިވާ ކަމަށް ބީސީސީން ބުނެފައިވެއެވެ.
މި މައުރަޒުގައި ބައިވެރިވުމަށް އީ-ގަވް މެދުވެރިކޮށް އޮންލައިންކޮށް ހުށަހެޅުމުގެ އިތުރުން، މައުރަޒުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވައިގެންވެސް ހުށަހެޅޭނެކަމަށް ބީސީސީން ވަނީ ބުނެފައެވެ.
މީގެއިތުރުން މައުރަޒުގައި ބައިވެރިވުމަށް އެދި ހުށަހަޅަންޖެހޭ ފޯމު ބީސީސީގެ ހެޑް އޮފީހުންނާއި، އަތޮޅުތަކުގައި ޤާއިމް ކޮށްފައިވާ ބީސީސީގެ އޮފީސްތަކުގެ އިތުރުން ބީސީސީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.
ފޯމް ފުރުމަށްފަހު އީމެއިލްގެ ޒަރީޢާއިން ނުވަތަ ބީސީސީގެ ހެޑް އޮފީހަށް ނުވަތަ އަތޮޅުތެރޭގެ ކޮންމެ ބިޒްނަސް ސެންޓަރަކަށް ފޯމު ހުށަހެޅުއްވުމުންވެސް ފޯމް ބަލައިގަންނާނެކަމަށް ބީސީސީން ވަނީ ބުނެފައެވެ.
މިއީ ދިވެހި އުފެއްދުންތެރިކަމަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުމުގެ ގޮތުން ބާއްވާ މައުރަޒެއް ކަމަށާއި އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރު މައުރަޒު ބާއްވަނީ ވަރަށް ފުޅާކޮށްކަމަށް ދައުލަތުގެ މީޑިއާގެ ޝޯއެއްގައި ބައިވެރިވެވަޑައިގެން ބީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ސާމިހު އާދަމް ވިދާޅުވިއެވެ.



