މާލޭގެ 3 ސަރަހައްދެއްގައި ފެންހިންދާ ހޮޅި ގުޅުވުމުގެ މަސައްކަތައް މާލެސިޓީ ކައުންސިލުން ފަށައިފިއެވެ.
ވާރޭ ވެހިއްޖެނަމަ މާލެއަށް ދިމާވާ އެންމެ ބޮޑު އެއްދަތިކަމަކީ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައެވެ.
އެ މައްސަލައަަށް ހައްލެއް ގެނެސް ދިނުމަށް މިހާރު ފަށާފައިވާ ކާނުތައް ސާފު ކުރުމުގެ މަސައްކަތުގެ އިތުރުން އެ ސަރަހައްދު ތަކުގައި ފެން ހިންދުމަށް ހޮޅިއަޅާ ގުޅުވައި މަރާމާތުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި އެގޮތުން ތިން ސަރަހައްދެއްގައި އެ މަސައްކަތް ފަށާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
އެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް، ރޭ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމާއި ޑެޕިއުޓީ މޭޔަރު މުޙައްމަދު އަރީޝްގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހިމް މުހައްމަދާއި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަލީ އައިމަން، މަސައްކަތް ހިނގާ އެ ސަރަޙައްދަށް ވަޑައިގެންނެވިއެވެ.
އެގޮތުން މި މަސައްކަތުގެ ތެރެއިން ގ. މަޖީދީމަގު (އަތަމާޕެލަސް ކުރިމަތީ) ހަރުލާ ފެންގަނޑު ހިންދުމަށް ޓަކައި ފާށަނާކިލެގެފާނުމަގުގެ ކާނުތަކާއި މަޖީދީމަގުގެ ކާނުތައް ހޮޅިއަޅައިގެން ގުޅުވައި، އެ ސަރަހައްދުގެ މަގުތައް ވެސް އަންނަނީ ފެން ނުހެދޭނެހެން މަރާމާތު ކުރަމުންނެވެ.
މީގެއިތުރުން މަޖީދީމަގާއި ސޯސަން މަގުގެ ބައެއް ސަރަހަދުގެ ކާނުތައް ސާފުކޮށް، މަގު މަރާމާތު ކުރުމުގެ މަސައްކަތް ވެސް ކައުސިލުން ކުރަމުން އެބަދެއެވެ.
މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލު ކުރުމަށް ސިޓީ ކައުންސިލުން ގިނަ މަސައްކަތް ތަކެއް ކުރަމުން އަންނައިރު، ދާދި ފަހުން ވަނީ ފެން ހިންދުމަށް، ޒަމާނީ ފެންވަރުގެ ”ގްލޯބަލް“ ދެ ޕަމްފު ވެސް ގެނެސްފައެވެ. އަދި ދާދި އަވަހަށް އެ ފަދަ އިތުރު ދެ ޕަމްޕު ގެނައުމަށް ވެސް ކައުންސިލުން ވަނީ ނިމައިފައެވެ.



