ޤައުމީ އެއަރލައިން މޯލްޑިވިއަންގެ އޭ320ގެ ދަތުރުތައް އައްޑޫ ސިޓީ ގަމަށް އަންނަ މަހު 10 ގައި ފަށަން ނިންމައިފިއެވެ.
އެގޮތުން މޯލްޑިވިއަނުން ބުނީ މާލެއާއި އައްޑޫސިޓީ ގަމާއި ދެމެދު ހަފްތާއަކު 2 ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި މި ދަތުރުތައް ކުރާނީ ކޮންމެ ހަފްތާއެއްގެވެސް ބުރާސްފަތި އަދި ހޮނިހިރު ދުވަހުކަމަށް ވެސް މޯލްޑިވިއަންއިން ބުނެފައިވެއެވެ.
މޯލްޑިވިއަންގެ ފްލީޓުގައި ހިމެނޭ އޭ320 ބޯޓުގެ ދަތުރުތައް، މީގެކުރިންވެސް އައްޑޫސިޓީ ގަމަށް ދަތުރުތައް ބާއްވާފައިވެއެވެ. ނަމަވެސް ޝެޑިއުލްޑް މެއިންޓެނެސްއަށް މި ބޯޓުގެ ދަތުރުތައް ހުއްޓާލުމަށްފަހު، އަންނަ މަހު މި ބޯޓުގެ ދަތުރުތައް އަލުން ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެ އެއާލައިނުން ބުނެފައިވެއެވެ.
މިހާރުވެސް މޯލްޑިވިއަނުން މާލެ އާއި ގަމާއި ދެމެދު ކޮންމެ ދުވަހަކު ތިން ދަތުރު ބާއްވައެވެ.
މޯލްޑިވިއަނުން މައުލޫމާތު ދޭ ގޮތުގައި އެއެއަރލައިންގެ ފްލީޓުގައި 25 ބޯޓެއް ހިމެނެއެވެ. މީގެ ތެރޭގައި އޭޓީއާރު72ގެ 2 އެއަރކްރާފްޓަކާއި، އޭޓީއާރު42ގެ ބޯޓަކާއި، ޑޭޝް8-300ގެ 7 ބޯޓެއް ހިމެނެއެވެ. އަދި ޑޭޝް8-200 ގެ 2 ބޯޓަކާއި، ޑީއެޗްސީ-6 ޓްވިން އޮޓަރ ގެ 11 އެއަރކްރާފްޓަކާއި، ނެރޯބޮޑީގެ އެއަރބަސް އޭ320ގެ ބޯޓެއް އަދި ވައިޑްބޮޑީގެ އެއަރބަސް އޭ330ގެ ބޯޓެއްވެސް އެއެއަރލައިންގެ ފްލީޓުގައި ހިމެނެއެވެ.
މޯލްޑިވިއަންގެ ފްލީޓުގައި ހިމެނޭ ނެރޯބޮޑީ އެއަރބަސް އޭ320އަށް ބަލާއިރު މި އެއަރކްރާފްޓަކީ 152 މީހުންގެ ޖާގައިގެ ބޯޓެކެވެ. އަދި މި ބޯޓުގައި 14 ބިޒްނަސް ގޮނޑިއާއި، 138 އިކޮނޮމީ ގޮނޑި ހިމެނެއެވެ.



