މޯލްޑިވްސް އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު ޝަމްޢާން ވަހީދު 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.
މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ތުހުމަތުކޮށް، ކޯޓު އަމުރެއްގެ ދަށުން ޝަމްޢާން ހައްޔަރު ކުރީ ރޭގެ ވަގުތެއްގައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ، ޝަމްޢާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އޭނާ 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
ޝަމްޢާނާއި އިމިގްރޭޝަންގެ އިތުރު ތިން އޮފިސަރަކާމެދު ކުރެވޭ މި ތުހުމަތާ ގުޅޭގޮތުން ފުލުހުން ރޭގައި ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ އިމިގްރޭޝަންގެ ޓާސްކް ފޯސް އަދި ރިސްކް މެނޭޖްމަންޓް ސެކްޝަން ފިޔަވައި، އެހެން ސެކްޝަންތަކެއްގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް، އެމުވައްޒަފުންގެ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިދޭސީން ދިރިއުޅެމުންދިޔަ ގެއެއް ބަލާފާސްކޮށްފައިވާ ކަމަށާއި އެގެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ބިދޭސީން ގެންދިޔައީ ގިނަ އަދަދެއްގެ ފައިސާއާއެކު ކަމަށެވެ.
އަދި، އޭގެ އެއް ދުވަސްފަހުން، ޝަމްއާންގެ އަމުރަށް އެތަނުން 530،000 ރުފިޔާއާއެކު ޑިޓެންޝަނަށް ގެންދެވުނު ބިދޭސީއަކު، ދަންވަރުގެ ވަގުތެއްގައި ބަންދުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
މި ބިދޭސީން ހައްޔަރުކުރި ގެ ބަލާފާސްކުރުމުގައި އަމަލީގޮތުން ބައިވެރިވި އިމިގްރޭޝަންގެ މުވައްޒަފެއް، ބަންދުން ދޫކޮށްލި ބިދޭސީ މީހާއާ މަގުމަތިން ބައްދަލުކޮށް، އޭނާގެ އަތުގައި ހުރި ފައިސާތައް ހޯދައި، އެފައިސާތައް ހިފައިގެން ޝަމްޢާން ދިރިއުޅުއްވަމުން ގެންދެވި އިމާރާތަށް ވަދެފައިވާކަން އެނގިފައިވާކަމަށްވެސް ފުލުހުންގެ ބަޔާނުގައިވެއެވެ.
ފުލުހުން ވިދާޅުވިގޮތުގައި މި މައްސަލައާ ގުޅިގެން ފަސް މީހަކު ހިފަހައްޓާ އެ މީހުން ފާސްކޮށް ކޯޓް އަމުރެއްގެ ދަށުން އިލެކްޓްރޯނިކް އާލަތްތައް ވަނީ ހިފަހައްޓާފަ އެވެ.
އަދި ޝަމްޢާން ދިރިއުޅޭ ގެ ބަލާ ފާސްކޮށް ގިނަ އަދަދެއްގެ ފައިސާއާ އިލެކްޓްރޯނިކް އާލަތްތައް ވަނީ ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެވިފައި ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
ފުލުހުން ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން މި މައްސަލައިގައި ތުހުމަތުކުރެވޭ ތިން މީހަކު ވަނީ ހައްޔަރުކޮށްފައި ކަމަށެވެ.




