ތެލެސީމިއާއަށް ފަރުވާ ހޯދަމުންދާ ބަލި މީހުންނާއި އެ މީހުންގެ އާއިލާތަކުން، ތެލެސީމިއާ ސެންޓަރުންގެ ވެރިންގެ އިސްތިއުފާއަށް ގޮވާލައި ރޭގައި މުޒާހަރާކޮށްފިއެވެ.
އެ މުޒާހަރާގެ ބައިވެރިން ގޮވާލާފައިވަނީ މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް)ގެ ޕަބްލިކް ހެލްތު ކޯޑިނެޓާ ފައިސަލް އިބްރާހީމާއި ހެލްތު މިނިސްޓްރީގެ ސްޓޭޓް އައިމިނަތު ޝިރުނާގެ އިސްތިއުފާއަށެވެ.
އެނގިފައިވާ ގޮތުގައި މުޒާހަރާގައި ބައިވެރިވީ މީހުންވަނީ އެމްބީއެސްގެ އެތެރޭގައާއި ބޭރުގައިވެސް މުޒާހަރާ ކޮށްފައެވެ.
ތެލަސީމިއާއަށް ފަރުވާ ހޯދަމުންދާ ފަރާތްތަކުންނާއި، އެ މީހުންގެ އާއިލާތަކުން މުޒާހަރާ ކުރަން ފަށައިފައި ވަނީ ތެލަސީމިއާ ސެންޓަރުގައި ބޭނުންކުރާ ފިލްޓަރުތައް ހަލާކުވެ، ލޭ ޕެކެޓުތަކުން އިސްރާފުވާ މިންވަރު އިތުރުވަމުން އަންނަ ކަމަށް ބުނެއެވެ.
މި މައްސަލަ ރަށްރަށުގައި ވެސް އާންމުވަމުން އަންނަކަން ގިނަ ބަޔަކު ވަނީ ފާހަގަ ކޮށްފައެވެ. އަދި ބައެއް ލޭ އަޅާ ކުދިން އަންނަނީ ސޯޝަލް މީޑިއާގައި މިކަމާ ކަންބޮޑުވުން ވެސް ފާޅު ކުރަމުންނެވެ.
އެގޮތުން، މީހަކު ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، އައު ފިލްޓަރުތައް ބޭނުންވާ ކަމަށާއި ނަރުހުންނަށް ވެސް ރޯދަ މަހު އަވަސް އަވަހަށް ފިލްޓަރު ބަދަލުކުރަން ފަސޭހަ ނުވާނެ ކަމަށް ބުނެފައެވެ.
މި މައްސަަލައިގައި ހެލްތު މިނިސްޓްރީންނާއި، އެމްބީއެސްއިން އަދި ރަސްމީ ބަހެއް އަދި ބުނެފައެއް ނުވެއެވެ.



